24 Mar 2011, 12:48
ރަށުގެ މެނޭޖްމަންޓާއި މުސާރަ އާއި އަދި އިނާޔަތްތަކާ މެދު ހިތްހަމަނުޖެހިގެން އދ. ކޮންރެޑް މޯލްޑިވްސް، ރަންގަލި ރިސޯޓުގައި ހަޅުތާލުކުރި މީހުން، އެ މީހުންނަށް ދޭ ސާވިސް ޗާޖު ބޮޑުކުރާނެ ކަމަށް ރިސޯޓްގެ މެނޭޖްމަންޓުން އެއްބަސްވުމުން ހަޅުތާލު ހުއްޓާލައި މަސައްކަތަށް ނުކުންނަން ފަށައިފި އެވެ.
އިއްޔެ ރޭ އިރާކޮޅުން ފެށިގެން އެ ރިސޯޓުގައި ހަޅުތާލު ކުރަމުންދާ ދިވެހި މުވައްޒިފުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ މީހުން މިއަދު ބުނީ އިއްޔެ ހަވީރު ފުލުހުން އެ ރަށަށް އެރުމާ އެކު ރިސޯޓުގެ މެނޭޖްމަންޓުން ވަނީ އެ މީހުންނަށް ދޭ ސާވިސް ޗާޖު ބޮޑުކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބުނީ ހަޅުތާލު ހުއްޓާލުމުގައި ފުލުހުން އެ ރަށަށް އައުން ވެސް އެއީ ސަބަބެއް ކަމަށެވެ.
"ފުލުހުން އަރައި އިރުކޮޅެއް ނުވެ އެމީހުން އެއްބަސްވީ ކޮންރެޑާ އެއް ފެންވަރުގެ އެހެން ރިސޯޓުތަކުގައި ސާވިސްޗާޖު ދޭ ވަރަށް މިތާގައި ވެސް ސާވިސް ޗާޖު ބޮޑުކުރަން. އެހެންވެ އަޅުގަނޑުމެން މިތިބީ މުޒާހަރާ ހުއްޓާލައި މިއަދު މަސައްކަތަށް ނުކުމެ،" މުޒާހަރާގެ އިސްކޮށް އުޅުނު ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
އެ މުވައްޒިފުން ބުނީ އަންނަ މަހުގެ ސާވިސް ޗާޖަށް ހެޔޮބަދަލެއް ނާންނަ ނަމަ އަނެއްކާ ވެސް މުޒާހަރާ އަށް ނިކުންނަން ޖެހިދާނެ ކަމަށެވެ.
މުޒާހަރާ ދިގުދެމިގެން ދާން ފެށުމުން ފުލުހުންގެ ފައުޖެއް އިއްޔެ ހަވީރު ވަނީ އެރިސޯޓަށް ގޮސްފަ އެވެ.
އިއްޔެ ފުލުހުން ބުނީ އެމީހުން އެ ރަށަށް ދިޔައީ މުޒާހަރާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނުބައި އަސަރުތަކެއް ކޮށްފާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ. ނަމަވެސް އެ ރިސޯޓުގެ މުވައްޒިފުންނާއި މެނޭޖްމަންޓާ ދެމެދު ޖެހުނު މައްސަލަ ހައްލުކުރީ މުވައްޒިފުންނާއި މެނޭޖްމަންޓުން ވާހަކަ ދައްކައިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޕެޝަލް އޮޕަޜޭޝަންގެ ފުލުހުން އެ ރަށަށް ދިޔަ އިން [އެކަމަކު] އެ މައްސަލަ ހައްލުކުރުމުގައި އަޅުގަނޑުމެން އެއްވެސް ވާހަކައެއް ނުދަކަން. ސްޓާފުންނާއި މެނޭޖްމަންޓާ ދެމެދު ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރީ. މިއީ ވަރަށް ރަނގަޅު މިސާލެއް،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ރަންގަލި ރިސޯޓުގެ 100 ވަރަކަށް ދިވެހި މުވައްޒިފުން މުޒާހަރާކުރަމުން ދިޔައިރު އެ ރަށުގެ އެއްވެސް ހިދުމަތެއް މެދުކެނޑިފައެއް ނުވެ އެވެ.
އެ ރަށުގައި ކުރި ހަޅުތާލާ ގުޅިގެން ރަންގަލި ރިސޯޓުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.