30 Sep 2015, 14:56
ރޭގެ މެޗުން ބަލިވި ނަމަވެސް އަދި ވެސް ޗެމްޕިއަންސް ލީގްގެ ގަދަ 16 އަށް އެރުމުގެ ފުރުސަތު އާސެނަލް އަށް ނުގެއްލޭ ކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖްގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް ވަނީ 2-3 އިން ގްރީކުގެ އޮލިމްޕިއާކޯސް އަތުންބަލި ވެފެއަވެ. މި ބައްޔާ އެކު އާސެނަލް އިން ވަނީ ގުރޫޕް ސުޓޭޖްގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.

ރޭ އާސެނަލްއާ އޮލިމްޕިއާކޯސް ބައްދަލުކުރި މެޗްގައި އާސެނަލްގެ އޮޒިލް ބޯޅަ ހިފައިގެން ކުރިޔަށް ދަނީ --- ފޮޓޯ: އޭޕީ
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ އޮލިމްޕިއާކޯސް އިންނެވެ. އެ ޓީމަށް 33 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ ޕާޑޯ އެވެ. އާސެނަލް އަށް 35 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ތިއޯ ވޮލްކޮޓް އެވެ. އޮލިމްޕިއާކޯސް އަށް 40 ވަނަ މިނެޓުގައި އަލުން ލީޑު ލިބުނީ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
އާސެނަލްގެ އެލެކްސިސް ސަންޗޭޒް 65 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރި ނަމަވެސް އޭގެ އެއް މިނެޓު ފަހުން އޮލިމްޕިއާކޯސްގެ ފިންބޮގަސަން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމް މެޗުން މޮޅުކޮށްދީފައެވެ.
"މި ނަތީޖާއާ އެކު އަހަރެމެން މި އޮތީ ނުބައި ހިސާބެއްގަ. ކުރިއަށް އޮތް މެޗްގައި ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅެ ނަތީޖާ ނެރެން ޖެހޭނެ. އަދިވެސް އެބަ އޮތް ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު،" މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.

ބަޔާން މިއުނިކް ރޭ ޑައިނަމޯ ޒެގްރެބްއާ ދެކޮޅަށް ކުޅުނު މެޗްގައި ބަޔާން ގެ ލެވޮންޑަސްކީ ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭޕީ
މި ގްރޫޕުގައި ބަޔާން މިއުނިކް ވަނީ ރޭ ޑައިނަމޯ ޒެގްރެބް އަތުން 5-0 އިން މޮޅުވެ ގްރޫޕުގައި އެ ޓީމު ކުޅުނު ދެ ވަނަ މެޗުން މޮޅުވެފަ އެވެ. ގްރޫޕް އެފް ގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ބަޔާން އޮތްއިރު ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ އޮލިމްޕިއާކޯސް އެވެ. ތިން ވަނައިގައި ލަނޑުގެ ތަފާތުން ޒެގްރެބް އޮތްއިރު އާސެނަލް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.