30 Sep 2015, 14:35
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކަކާ އެކު ފުލުހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން ގޭބަންދަށް ބަދަލުކޮށްފައިވާ ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ އަނބިކަނބަލުން އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ހަނާ ވަހީދު ސަސްޕެންޑުކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު ސަން އަށް ވިދާޅުވީ އާންމު އުސޫލުގެ ދަށުން ހަނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަޒީފާ އިން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ ތަހުގީގު ނިމި ރިޕޯޓު ލިބުމުން ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.
ފުލުހުން ހަނާ އާއި އޭނާގެ ފިރިކަލުން އިސްމާއީލް ވިޝާމް ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ ދެ ބޭފުޅުން ދިރިއުޅުއްވަމުން ގެންދެވި މ. ހަނީޑިއު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ބިއަރު ދަޅުތަކެއް ކަމަށް ޝައްކުކުރެވޭ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.