30 Sep 2015, 14:26
ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމުކުރާ މޯލްޑިވްސް އެލައިޑު ހެލްތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
ހެލްތު މިނިސްޓުރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކައުންސިލަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފައި ވަނީ މިދިޔަ އޯގަސްޓު މަހު އެ މިނިސްޓްރީން ކުރި އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ ކަމަށެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ އެ ކައުންސިލަށް ބޭނުން ވަނީ ދިވެހި ރާއްޖޭގައި އެލައިޑު ހެލްތު ޕުރޮފެޝަނަލުންގެ ތެރެއިން މަސައްކަތް ކުރާ ފަރާތެއް ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ އަންނަނިވި ގިންތީގެ ޕްރޮފެޝަނަލުން:
- ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން
- ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓް
- ކޮމިއުނިޓީ ހެލްތް ޕްރޮފެޝަނަލް
- ކްލިނިކަލް އެންޑް ހެލްތް ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުން
- މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުން
- ޓްރެޑިޝަނަލް، އޯލްޓަރނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގގެ ޕްރޮފެޝަނަލުން
- ފާރމަސީ ޕްރޮފެޝަނަލުން.
ހެލްތު މިނިސްޓުރީން ބުނީ އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ ފަރާތަކަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސެއް ލިބޭނެ ކަމަށެވެ.
އެ ކައުންސިލުގައި ހިމެނޭ މެމްބަރުންގެ މަސްއޫލިއްޔަތު ކަމަށް ބުނެފައި ވަނީ ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރު މެވެ. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަން ޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި، ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަން ޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމަކީ ވެސް ކައުންސިލުގައި ހިމެނޭ މެމްބަރުންގެ މަސްއޫލިއްޔަތެކެވެ.
ހެލްތު މިނިސްޓުރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކައުންސިލު މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް މާކުސް ދިނުމުގައި ތައުލީމީ ތަޖުރިބާ އަދި މަސައްކަތު ތަޖުރިބާއަށް ބަލާނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ތައުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓުފިކެޓަށް އެކަނި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.