30 Sep 2015, 14:22
ހދ. ކުޅުދުއްފުށީ ގެއަކުން ވަގަށް ނަގާފައިވާ 14،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައި އެކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ޕޮލިސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދެ މީހުން އުޅޭ ގެތައް ބަލައި ފާސްކުރުމަށް ފަހު ރޭގެ ވަގެވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ ތެރެއިން 28 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ގަހަނާތަކެއް އެގޭ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ ދިރިއުޅެމުންދާ ކޮޓަރި ބަލައި ފާސްކުރި އިރު އެކޮޓަރި ތެރޭގައި ހުރި ކަބަޑެއްގެ ތެރޭގައި އޮތް ޖިންސެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 900 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރި އިރު އެގޭ ކޮޓަރިއެއްގެ ތަރުފާލުމަތީ ހުރި އަންނައުނު ތަކެއްގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 14100 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ޖީބުނ 2200 އަށްވުރެ ގިނަ ރުފިޔާ އާއި ބޭރު ފައިސާ ވެސް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި 28 އަހަރުގެ މީހާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު އޭނާއަކީ މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.