30 Sep 2015, 13:51
ސަރުކާރު މުވައްޒަފުންނަށް ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މާދަމައިން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8.00 ން މެންދުރު ފަހު 2.00 އަށް ކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
މިހާރު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމާފައި ވަނީ ހުރިހާ މިނިސްޓަރުންގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި އެވެ.
ރަސްމީ ގަޑި ކުރުކުރަން ނިންމި ސަބަބެއް ކަމަށް ޑރ. ޝައިނީ ފާހަގަކުރެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރެއްވުމަށް ސަރުކާރުގެ މުވައްޒަފުންނަށް ފުރުސަތު ދިނުން ކަމަށެވެ. އަދި އިޖުތިމާއީ ގޮތުން ކަންކަމުގައި ބައިވެރިވުމަށް ސަރުކާރުގެ މުވައްޒަފުންނަށް ވަގުތު ލިބޭ ގޮތަށް ހެދުމަކީ ވެސް ރައީސް ޔާމީންގެ އެއް ބޭނުން ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އާއިލާތަކަށް ގިނަ ވަގުތުދީ، އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ ދުޅަހެޔޮ ދިރިއުޅުމެއް މުވައްޒަފުންނަށް ހޯދައިދިނުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިލައްވާ ގޮތް،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެންނެވުމާ ގުޅިގެން، ގާނޫނު ނަންބަރު 2/2008 ވަޒީފާއާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ 30 މިިޓްގެ ހުސްވަގުތުކޮޅު ދިނުމުގައި ބަދަލެއް ނާންނާނެ ކަމަށެވެ.