30 Sep 2015, 17:34
ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މިހާތަނަށް 300،000 އަށްވުރެއް ގިނަ މީހުންނަށް ކޮށްފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަރު މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ) އިން ބުނެފި އެވެ.
ލަންކާގެ މޫސުމާ ބެހޭ ސެންޓަރުން ހާމަކުރާ ގޮތުގައި، އެގައުމަށް ގަދަ ވަޔާއެކު ބޯކޮށް ވެހެމުންދާ ވިއްސާރައިގެ އަސަރު މިއަދުގެ ހެނދުނުގެ ނިޔަލަށް 94،706 އާއިލާ އަކުން 331،275 މީހުންނަށް ވަނީ ކޮށްފައެވެ.
މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔަ ބައެއް ސަރަހައްދު ތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ވަގުތީ ކޭމްޕުތަކާ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މޫސުމާ ބެހޭ ސެންޓަރުން މައުލޫމާތުދެ އެވެ.
ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ބުނާގޮތުން، މިއަދާ މިރޭ ވެސް އެގައުމުގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު ގުގުރުމާއެކު ވިއްސާރަކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ގުގުރާ ވިދުމުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ސަމާލުވެގެން ތިބުމަށް އެ ޑިޕާޓްމަންޓުން އެދެއެވެ.
މައުލޫމާތު: ލަންކާގެ ނޫސް އެޖެންސީތައް