މ. ކޮޅުފުއްޓަށް ރޭ އުދަ އަރާފައިވާ ކަމަށް އެރަށު ކައުންސިލްއިން ބުނެފި އެވެ.

ކޮޅުފުށީ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ނައީމް މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު 2:15 އެހާކަންހާއިރު އެ ރަށު ދެ ތިން ދިމާލަކުން އުދައަރާފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ދެކުނު ފަރާތުން 100 ފޫޓަށް އުދައެރި އިރު އުތުރު ފަރާތުން 50 ފޫޓަށް އުދައަރައި ގެއެއްގެ ގޯތި ތެރެއަށް ލޮނު ވަތްކަމަށް ވިދާޅުވި އެވެ.

ރޭ ލޮނު ވަތް ގެއަށް ލޮނުވަނުން ހުއްޓުވުމަށް ވެލި ބަސްތާ ޖެހި ނަމަވެސް އެގޭ ގޯތިތެރެއަށް ކޮންމެވެސް ވަރަކަށް ލޮނު ވަތް ކަމަށާއި އެހެން ނަމަވެސް އެއްވެސް ގެއްލުމެއް މީހަކަށް ވެސް ތަކެއްޗަކަށް ވެސް ލިބިފައިނުވާ ކަމަށް ނައީމް ވިދާޅުވި އެވެ.

ރޭ ދިޔަވަރު ބޮޑުވި ވަގުތު ކޮޅުފުއްޓަށް އުދައެރި ނަމަވެސް މިއަދު ދިޔަވަރު ބޮޑުވި ވަގުތު އުދަނާރާ ކަމަށާއި ނަމަވެސް މޫސުން ގޯސް ކަމަށް ނައީމް ވިދާޅުވި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނި ގޮތުގައި ދެން ރާއްޖޭގެ ރަށްރަށަށް އުދައެރުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ.