20 Apr 2010, 10:12
ސެކިއުރިޓީންނާއި ކުށްވެރިންނާ ދެމެދު މާފުށީ ޖަލުގައި ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުން ޒަހަމްވި ހާދިސާ ވާދަވެރި ޑީއާރުޕީން ކުށްވެރިކޮށްފި އެވެ.
ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވީ، ކުރިން ޖަލުތަކުގައި މީހުންނަށް އަނިޔާކުރާ ވާހަކަ އެމްޑީޕީން ދެއްކި ނަމަވެސް ކުރިއަށްވުރެ މާ ގޯސްކޮށް ޖަލުތަކުގައި މިހާރު ކަންތައްކުރަމުންދާ ކަމަށެވެ. އަދި އެ ފަދަ ކަންތައް މީޑިޔާއަށް ފޮރުވަން މަސައްކަތްކުރަމުންދާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި މިއީ، އެމްޑީޕީން ވެރިކަމަށް އަންނަތާ 24 ގަޑިއިރުގެ ތެރޭގައި ޖަލުގައި ތިބި މީހުން ދޫކޮށްލާނެ ކަމަށް ބުނެފައި، އެކަން ކޮށްފައިނުވުމުގެ ސަބަބުން ޖަލުގައި ތިބި ޒުވާނުން ރުޅިގަދަވެ، ކޮންޓްރޯލް ނުވެގެން ހިންގާ ކަންތައްތައް ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ. އަދި ކުށްވެރިވިޔަސް އެމީހުންނަށް އަނިޔާކޮށްގެން ނުވާނެ ކަމަށާއި، އެމީހުންނަށް ދޭންޖެހޭނީ އަދަބު ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު އަދި ވިދާޅުވީ، ގަލޮޅު ސަލާހުއްދީން މިސްކިތް ކައިރީގައި މީހެއްގެ ބަނޑަށް ރޭ ދަންވަރު ވަޅި ހެރި މައްސަލަ ފަދަ ވަޅިން ހަމަލާދިނުމުގެ މައްސަލަތައް ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ނަގައިގެން މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުން ބޭރުން އެފަދަރާތްތަކާ ވާހަކަ ދައްކައިގެން ނަމަވެސް އެފަދަ ކަންކަން ހައްލުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ކަންތައް ހައްލު ކުރުމަށް ޑީއާރުޕީ އޮތީ ކޮންމެ ފަރާތަކާ ވެސް ވާހަކަ ދައްކަން ތައްޔާރަށް ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.