30 Sep 2015, 14:50
ގިނަ ކާމިޔާބުތަކެއް ހޯދަމުން އަންނަ އެޗްބީއޯގެ ފެންޓަސީ ޕޮލިޓިކަލް ސީރީޒް "ދަ ގޭމް އޮފް ތްރޯންސް"ގެ ފިލްމު އެޑެޕްޓޭޝަނެއް ތައްޔާރު ކުރަން އެޗްބީއޯ އިން ނިންމައިފި އެވެ.
ޖޯޖް އާރުއާރު މާޓިންގެ "ސޯންގް އޮފް އައިސް އެންޑް ފަޔާ"ގެ މައްޗަށް ތައްޔާރު ކުރަމުންދާ ޓީވީ ޝޯ "ގޭމް އޮފް ތްރޯންސް" ސީރީސްގެ ހަ ވަނަ ސީޒަން ދެއްކުމަށް ދަނީ ތައްޔާރުވަމުންނެވެ. އެޕިސޯޑުތަކުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް އެޗްބީއޯ އިން ބުންޏެވެ.
މާޓިން ބުނީ ގޭމް އޮފް ތްރޯންސްގެ ފިލްމެއް ހެދުމަށް ނިންމާފައިވާއިރު އޭގެ މަސައްކަތް ފަށާނީ ޓީވީ ސީރީޒް ނިމުމުން ކަމަށެވެ.
އަންނަ އަހަރުގެ މެދުތެރޭގައި ގޭމް އޮފް ތްރޯންސްގެ ސީޒަން ހައެއް ދައްކަން ފަށާއިރު އެ ސީރީޒް ނިންމާލުމަށް ހަމަޖެހިފައިވަނީ އަށް ވަނަ ސީޒަން އިންނެވެ. އެހެންކަމުން އަހަރަކު ސީޒަނެއް ދައްކައި، 2018 ވަނަ ސީރީޒް ނިންމާލެވޭނެ އެވެ.
ސީރީޒް ނިމުމުން ފިލްމެއްގެ މަސައްކަތް ކުރާ ނަމަ 2018 ވަނަ އަހަރުގައި ގޭމް އޮފް ތްރޯންސްގެ ފިލްމެއް ހެދުމުގެ މަަސައްކަތް ފެށޭނެ އެވެ.
މާޓިން މިހާރު ކުރަމުންދަނީ ސޯންގް އޮފް އައިސް އެންޑް ފަޔާގެ ދެ ފޮތް ލިޔުމުގެ މަސައްކަތެވެ.
ގޭމް އޮފް ތްރޯންސްއަކީ ޓީވީ ތާރީހުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާ ސީރީޒް އެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވި 67 ވަނަ ޕްރައިމްޓައިމް އެމީ އެވޯޑްސްގައި އެކަނިވެސް އެ ޝޯ ވަނީ 12 އެވޯޑެއް ހޯދާފައެވެ. އެއީ އެމީގެ ތާރީހުގައި އެއް ޝޯއެއްގައި މިހާތަނަށް އެންމެ ގިނަ އެވޯޑު ލިބުން ޝޯއެވެ.