30 Sep 2015, 12:04
މާފުށީ ކައިރީގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ހުރި 700 އަށް ވުރެ ގިނަ ބަނގުރާފުޅިއާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ބަންގުލަދޭޝްގެ ދެ މީހުންނާއި ދިވެއްސެއް ކަމަށެވެ. ބަނގުލަދޭޝް ދެ މީހުންނަކީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ކަމަށާއި އަދި ހައްޔަރުކުރި ދިވެއްސަކީ އުމުރުން 44 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ސަފާރީއެއްގައި ދިވެހިންނަށް ބަނގުރާ ވިއްކައި އެ ސަފާރީގައި ދިވެހިންގެ ބަޔަކު ބަނގުރާ ބޭނުންކުރަން ތިބި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ކ. މާފުށީ ޕޮލިސް ސްޓޭޝަނާއި ކ. ގުރައިދު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި އިތުރަށް ތަހުގީގު ކުރުމަށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.