24 Mar 2011, 12:17
ރާއްޖޭގައި 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި ގިނަ ޕާޓީތައް ވާދަކުރި ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ މެދުވެރިކޮށް ބޭރުގެ އެއްވެސް އެހީއެއް އެ ޕާޓީ އަށް ލިބިފައިވޭތޯ ބަލައިދިނުމަށް އެދި ގައުމީ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅޭ އިތުރު ހެއްކާއި މައުލޫމާތު ހޯދައިގެން އެ މައްސަލަ ބަލަން ނިންމައިފައިވާ ކަމަށް އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އެ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ތައްޔާރުކުރި ޓީޝާޓުތަކަކަށް ފައިސާ ދެއްކުމަށް ބޭރު މީހެއްގެ ކިބައިން ޒަކީ އެދިވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް މީހަކާ ވާހަކަ ދައްކަވާފައިވާ ކަމަށް ބެލެވޭ ފޯން ކޯލެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެން ގައުމީ ޕާޓީން އިލެކްޝަންސް އަށް އިއްޔެ ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ފުއާދު ވިދާޅުވީ، އެ މައްސަލަ ކޮމިޝަނުން ކުރިއަށްގެންދާނެ ކަމަށާއި ގައުމީ ޕާޓީ މެދުވެރިކޮށް އިތުރު މައުލޫމާތު ވެސް ސާފުކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ދަންނަވާނަން ގައުމީ ޕާޓީ އަށް ލިބިވަޑައިގެންފައިވާ މައުލޫމާތުތައް ތަންކޮޅެއް ތަފްސީލުކޮށް، ލިބިވަޑައިގެންފައިވާ ހެކިތަކަކާ އެކީގައި އަޅުގަނޑުމެންނަށް ފޮނުއްވައިދެއްވުމަށް. ދެން އެ ކަންތައްތަކުގައި ދެވެން އޮތް މަގެއްގައި ކުރިއަށްގެންދާނަން އެ މައްސަލަ ވެސް،" ފުއާދު ވިދާޅުވި އެވެ.
އަދި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ މައްސަލައެއް ކަމަށްވި ނަމަވެސް، އެ މައްސަލަ ބެލުމުގެ ގާނޫނީ އިޚްތިޔާރު ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައިގެން ބެލުމުގެ ކުރިން ގައުމީ ޕާޓީގައި ހުރި ހެކިތަކަކީ ކޮބައިކަން ސާފުކުރަން ޖެހޭ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި އެމްޑީޕީއާ ސުވާލުކުރާނީ އެ ހެކިތައް ލިބުމުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ އެމްޑީޕީއާ ސުވާލުކުރުމުގެ ކުރިން ގައުމީ ޕާޓީން އެބަ އޮޅުން ފިލުވަން ބޭނުންވޭ އެބޭފުޅުންގެ އަތުގައި ހުރީ ކިހާވަރެއްގެ ހެކިތަކެއްތޯ. އެބޭފުޅުން އެ ފޮނުއްވާފައިވާ މިންވަރުން އަދި އެމްޑީޕީއާ ހަމައަށް ސުވާލައިގެން ދެވޭ މިންވަރަށް ހެކިތަކެއް ނެތް،" ފުއާދު ވިދާޅުވި އެވެ.
ގައުމީ ޕާޓީން އިއްޔެ އިލެކްޝަންސް އަށް ފޮނުވި ސިޓީއެއްގައި ބުނަނީ، "ޒަކީ މެދުވެރިކޮށް ރިޔާސީ އިންތިހާބަށް އެމްޑީޕީ އަށް ބޭރުގެ ފަރާތްތަކުން އެހީވެފައިވާ ނަމަ، އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް" ކަމަށެވެ. އަދި އެފަދަ އެހީތެރިކަމެއް ހޯދައިފައިވޭތޯ ބަލައި، ފިޔަވަޅު އެޅުމަށް ވެސް ގޮވައިލައިފައިވެ އެވެ.
"ބޭރުގެ ފަރާތްތަކުން 2008ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެހީހޯދައިފައިވާ ނަމަ އެ އެހީ ދިން ބޭރުގެ ފަރާތްތަކުން ސަރުކާރުގެ މައްޗަށް ކުރިމަތިކުރުވާފައިވާ ޝަރުތުތަކާއި ނުފޫޒުތަކަކީ ކޮބައިކަން އޮޅުން ފިލުވައި، ސަރުކާރާއި ރައްޔިތުން މިފަދަ އެންމެހާ ބޭރުގެ ނުފޫޒުތަކުން ސަލާމަތްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުން އެދެމެވެ." އެ ސިޓީގައިވެ އެވެ.
އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނުގެ 70 ވަނަ މާއްދާގެ ދަށުން އިންތިހާބަކަށް ވާދަކުރައްވައި ކެންޑިޑޭޓަކު "ބިދޭސީންނާއި ބިދޭސީ ފަރާތްތަކާއި ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި" ގަބޫލުކުރުމަކީ މަނާކަމެކެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރިވިޔަ ނުދިނުމުގެ ގޮތުންނެވެ.
ނަމަވެސް، ނަން ނުޖެހުމަށް ޝަރުތުކޮށް އިތުބާރުކުރެވޭ ފަރާތަކުން ސަން އަށް ދީފައިވާ ޒަކީގެ އެ އޯޑިއޯ ކްލިޕުގައި އިވެނީ، އިންތިހާބު ބޭއްވުމުގެ ކުރިން ޓީޝާޓުތަކެއް ރާއްޖެ ގެންނަ ވާހަކަ އެވެ. އަދި އެންމެ ފަސޭހަވާނީ ޓީޝާޓުތައް ތައްޔާރުކުރާ ކުންފުންޏަށް ސީދާ ފައިސާ ދެއްކުމުން ކަމަށް ޒަކީ ވިދާޅުވެފައިވެ އެވެ.
އިނގިރޭސިބަހުން ވާހަކަ ދައްކައިފައިވާ އެ އޯޑިއޯ ކްލިޕްގައި، "އާނަންދު"ގެ ނަމުން ޒަކީއަށް ތައާރަފްވި އެމީހާ ބުނެފައި ވަނީ އިންތިހާބުގެ ކުރިން އެ ޓީޝާޓުތައް ނުލިބިދާނެތީ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް، އިންތިހާބުގެ ދުވަސްވަރު ރާއްޖެ އައި ޔޫރިޕިއަން ޔޫނިއަންގެ ވަފުދާ މަޝްވަރާކުރުމަށް ފަހު، އިންތިހާބު އޮކްޓޯބަރަށް ފަސްކުރާ ވާހަކަ ދައްކައިފައިވާ ކަމަށް ޒަކީ ވިދާޅުވުމުން އެކަމަށް ތާއީދުކޮށް، އެމީހާ ވާހަކަ ދައްކައިފައިވެ އެވެ.