ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ޑްރަގް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން ދިޔަ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހދ. ނޮޅިވަރަމުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ އަންހެން ކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައި މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޓަކައި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.