މީހުންގެ އަގީދާތަކާ ޚިލާފު އާ ހައްގުތައް ކަނޑައެޅުމާ ދެކޮޅު ހައްދަވާ ކަމަށް ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ވިދާޅުވެއްޖެ އެވެ.

އެފްރިކަން ޔޫނިއަން (އޭޔޫ)ގެ ރިޔާސަތު ވެސް ބަލަހައްޓަވާ މުގާބޭ ޔޫއެން ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ސިފަކުރެއްވި ގޮތުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގަކީ އަގީދާތަކާއި އުސޫލުތަކާއި އާއްމު މިންގަނޑުތަކާ ޚިލާފަށް އުފައްދައިގެން އުޅޭ ހައްގެއްގެ ގޮތުގަ އެވެ.

"...އަހަރެމެން ހަމަ އެވަރަށް ދެކޮޅު ހަދަން އަހަރެމެންގެ އަގުތަކާއި އާއްމު މިންގަނޑުތަކާއި ސަގާފަތްތަކާއި އަގީދާތަކާ ޚިލާފު އާ ހައްގުތައް ކަނޑައެޅުމާ. އަހަރެމެންނަކީ އެއްޖިންސުން ގުޅުން ހިންގާ ބައެއް ނޫން،" މުގާބޭ ވިދާޅުވި އެވެ.

މުގާބޭ އެމޭރުމުން ވާހަކަ ދެއްކެވުމުން ޖަލްސާގައި ބައިވެރިވި ބައެއް މީހުން ވަރަށް ބާރަށް ހީ އަތް ޖަހާ ހެދި ކަމަށް ރަޝާ ޓްޑޭ އިން އާއްމު ކުރި ވީޑިއޯ އިން ފެނެ އެވެ.

ހުޅަނގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މުގާބޭ ސިފަކުރެއްވީ ހުޅަނގުގެ ގައުމުތަކަކީ ދުނިޔޭގެ އެންމެންގެ ކަންތައްތައް ބެލެހެއްޓުމަށް އަމިއްލައަށް ހަވާލުގެން އުޅޭ ބައެއްގެ ގޮތުގަ އެވެ.

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ ހައްގުތަކަށް ތާއީދު ކުރައްވާ ކަމަށާއި މެދު އިރުމައްޗަށް ދާއިމީ ސުލްހައެއް ގެނެވޭނީ ވާހަކަ ދައްކައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުގާބެ ވިދާޅުވީ ވާހަކަ ދައްކަން ޖެހެނީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގުން ބައި ކުރެވޭ ދެދައުލަތް އުފެއްދުމަށް ކަމަށެވެ.

"ގަބޫލު ކުރަންތަ؟ މރ. ޔުނައިޓެޑް ސްޓޭޓްސް،" އެއަށް ފަހު މުގާބޭ ވިދާޅުވި އެވެ.

މެޑިޓަރޭނިއަން ކަނޑުގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކާ (ރެފިއުޖީން ކަނޑުވުމުގެ ހާދިސާތަކާ) މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ ހާދިސާތަކުގައި ގެއްލުން ވަމުންދާ ގިނަ މީހުންނަކީ ސީރިޔާއާއި ހަމަނުޖެހުން ހިނގަމުން އަންނަ އެހެން ގައުމުތަކުގެ މީހުން ކަމަށާއި އެގައުމުތަކުގައި ހިނގާ ހަމަ ނުޖެހުން ތަކަކީ ބޭރުގެ ފަރާތްތަކުގެ 'ހަމަ ޖެހުން ނަގައިލުމުގެ ސިޔާސަތު' ގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތަކެއް ކަމަށް ވެސް މުގާބޭ ވިދާޅުވި އެވެ.