އައްޑޫ ސިޓީގެ މަރަދޫ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު "ސަން" އަށް މިއަދު ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ 59 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެއީ އެމްއާރުޑީސީގައި މަސައްކަތްކުރާ މީހެއް ކަމަށާއި އޭނާ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު ކަމަށް ތައްޔިބު ވިދާޅުވި އެވެ.

"އެމީހާ ދިރިއުޅޭ ގޭގެ މީހުން ހެނދުނު ހޭލާފައި ހަބަރެއް ނުވެގެން ބަލާލީ. ބަލާލި އިރު އޮތީ ނިޔާވެފައި ކަމަށް ބެލެވޭތީ ހޮސްޕިޓަލަށް ގެންދިޔައީ،" ތައްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރަދޫ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔުމުން ޑޮކްޓަރުން ބެއްލެވުމަށް ފަހު، އެމީހާ ގުދުރަތީ މަރަކުން މަރުވެފައިވާ ކަމަށް ބުނެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ތައްޔިބު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހެނދުނު އެފަދަ މައްސަލައެއް އަދި ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.