24 Mar 2011, 11:51
އައްޑޫގައި މި އަހަރު ބާއްވާ ސާކް ސަމިޓުގައި ސައުތު އޭޝިއާ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާމެދު ފުންކޮށް ވިސްނައި، ބިނާކުރަނިވި ނިންމުންތަކެއް ނިމިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސައުތު އޭޝިއާއަކީ އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ސަރަހައްދަކަށް ވުމާއެކު، ބައެއް ގައުމަތަކަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ކުރުމުގެ ގާބިލުކަން ސައުތު އޭޝިއާގެ ގައުމުތަކަށް ލިބިގެންވާ ކަމަށާއި އައްޑޫގައި ބާއްވާ ސާކް ސަމިޓުގައި އެކަމާމެދު ބަހުސްކޮށް ބިނާކުރަނިވި ނިންމުންތަކެއް ނިމިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ދީނުގެ ނަމުގައި ހައްދުފަހަނައަޅާދާ މީހުންގެ ނިސްބަތް ރާއްޖެ އާއި ޕާކިސްތާނުގައި އިންތިހާއަށް އިތުރުވަމުންދާ ކަމަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ފިކުރުތަކުން މުސްލިމް މުޖުތަމައު ސަލާމަތް ކުރަން އިސްލާމީ ތައުލީމުން މުއްސަދިވެފައިވާ ޕާސްކިސްތާނަށް ދަތިނުވާނެ ކަމަށެވެ. އަދި އެކަމާމެދު ޕާކިސްތާނުން ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި ގައުމުތަކުގެ މުސްތަގުބަލް ކުރެހިގެންދަނީ އެފަދަ ފިކުރުތަކުން އަރައިގަނެވިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މުސްލިމް ގައުމުތަކުގެ ރައްޔިތުން މިއަދު މަގުތަކަށް ނުކުމެ އަޑު އުފުލަމުންދާ ވެރިކަމުގެ ނިޒާމް، މީގެ 71 އަހަރު ކުރިން ޕާކިސްތާނުގެ ރައްޔިތުން ހޯދާފައިވާ ކަމަށެވެ. އަދި އެ މިނިވަންކަން ރައްޔިތުންނަށް ހޯދައިދޭން ޕާކިސްތާނުގެ މިނިވަން ކަމުގެ ބާނީ، މުހައްމަދު އަލީ ޖިނާހު 1940 ވަނަ ކުރެއްވެވި މަސައްކަތްޕުޅުން ލިބިފައިވާ ކަމަށެވެ.
ޕާކިސްތާނަށް މިނިވަންކަން ލިބުނުތާ 71 އަހަރު ފުރުމުގެ މުނާސަބާގައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ސައުތު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުން ބައިވެރިވި އެވެ.