ޔޫއެފާ ޗެމްޕިއަންސް ލީގްގައި ރޭ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރާބްއާ ދެކޮޅަށް ކުޅުނު މެޗްގައި ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީގެ ހެޓްރިކާއެކު 5-0 ނަތީޖާއަކުން ބަޔާން މިޔުނިކް މޮޅުވެއްޖެ އެވެ.

ރޭގެ މެޗުން ޒެގްރާބް ބަލިވުމުން އެޓީމު ބަލި ނުވެ ދަމަހައްޓަމުން އައި 45 މެޗްގެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ.

މިޔުނިކްގެ އެެލިއަންޒް އޭރިނާ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ލެވަންޑޮސްކީގެ އިތުރުން ބަޔާންގެ ލަނޑުތައް ކާމިޔާބު ކުރީ ޑަގުލަސް ކޯސްޓާއާއި މާރިއޯ ގޮޓޭޒްއެވެ.

މެޗްގެ ފުރަތަމަ ހާފު 30 މިނެޓްވުމުގެ ކުރިން ބަޔާންއިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ދެ ލަނޑު ކާމިޔަބުކުރީ މިދިޔަ ތިން މެޗްގައި ދިހަ ލަނޑު ޖަހާފައިވާ ލެވަންޑޮސްކީއެވެ. އެ ދެ ލަނޑު ލެވަންޑޮސްކީ ކާމިޔާބު ކުރީ ހަތް މިނެޓް ތެރޭގައެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައިވެސް ބުންޑަސް ލީގާގައި ވޮލްފްސްބާގް ކޮޅަށް ނުވަ މިނެޓްތެރޭގައި ފަސް ލަނޑު ޖާހާފައެވެ.

ރޭ ގެ މެޗްގައި ބަޔާންގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޑަގުލަސް ކާމިޔާބުކުރީ ތިއާގޯ އަލްކަންޓާރާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ލަނޑު 21 ވަނަ މިނެޓްގައި ލެވަންޑޮސްކީ ކާމިޔާބު ކުރީވެސް ތިއާގޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އޭގެ ހަތަރު މިނެޓް ފަހުން ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ގޮޓްޒާއެވެ.

ލެވަންޑޮސްކީގެ ދެ ވަނަ ލަނޑު 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑަގުލަސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ލެވަންޑޮސްކީ ހެޓްރިކް ހެދި ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ކާމިޔާބު ކުރިއިރު ފުރުސަތު ތަނަވަސް ކޮށްދިނީ ބަޔާންގެ ފުރަތަމަ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ތިއާގޯއެވެ.

ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު ރޮބަޓް ލެވަންޑޮސްކީ އޭނާއަށް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ތިއާގޯ އަލްކަންޓާރާ (ކ) އާއެކު އުފާ ކުރަނީ --- ފޮޓޯ/ އެޑަމް ޕްރިޓީ. ގެޓީ އިމޭޖަސް

ރޭގެ މެޗުން މޮޅުވެ، މިހާތަނަށް ލިބުނު ހަ ޕޮއިންޓާއެކު ބަޔާން ތާވަލްގެ އެއް ވަނައިގައި އޮތީ ފައިދާ އަށް ގޯލާއެކުއެވެ.

ދެ ވަނައިގައި އޮތް އޮލިމްޕިއާކޯސްއާއި ތިން ވަނައިގައި އޮތް ޒެގްރާބްއަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ނަމަވެސް އޮލިމްޕިއާކޯސްއަށް ދެވަނަ ލިބެނީ ގެއްލުން ދެގޯލް އޮތް އިރު ޒެގްރާބަށް ގެއްލުން ހަތަރު ގޯލް އޮތުމުންނެވެ.

ގުރޫޕްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ އާސެނަލްއެވެ.