30 Sep 2015, 10:51
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖިމް ކެރީގެ ލޯބިވެރިއެއް ކަމަށްވާ ކެތުރިއޯނާ ވައިޓް އޭނާގެ އެޕާޓްމެންޓްގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އުމުރުން 30 އަހަރުގެ އައިރިޝް އަންހެނެއް ކަމަށްވާ ވައިޓް ރޭގެ ވަގުތެއްގައި މަރުވެފައި އޮތްއިރު، އޭނާގެ ކައިރީ ޑްރަގްތަކެއް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ މަރުވީ ޑްރަގް އޯވާޑޯޒް ވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.
ވައިޓް ގަސްދުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނި ނަމަވެސް ވަކިގޮތެއް އަދި ނިންމާފައެއް ނުވެއެވެ.
ވައިޓް މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާގެ ދެ އެކުވެރިއެއް އޭނާގެ ހާލު ބަލާލުމަށް ގެއަށް ގޮސް ހޯދަނިކޮށް ކަަމަށް ބޭރުގެ މުނިފޫހިފިލުވުމާ ގުޅުން ހުރި ނޫހެއް ކަމަށްވާ "ޓީއެމްޒީ" އިން ވަނީ ބުނެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކެރީ އާއި ވައިޓް ވަނީ ދެމީހުންގެ ލޯބީގެ ގުޅުމުން ވަކިވެފައެވެ.
ލޯބިވެރިޔާ އާ ވަކިވުމަށްފަހު ވައިޓް އެރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، "ޓްވިޓާއިން ވަކިވަނީ، އަހަރެން އެންމެ ލޯބިވާ އަދި އެންމެ ގާތް ފަރާތްތަކަށް ރަނގަޅު އަލިކަމަކަށް ވެވުނު ކަމަށް އުންމީދު ކުރަން،" މިހެންނެވެ.
ކެރީ އާއި ވައިޓް ގުޅުމަށްފަހު ވަކިވި އެއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2012 ވަނަ އަހަރު ދިމާވެ ލޯބީގެ ގޮތުން ދެމީހުން ގުޅިގެން އުޅެ ގިނަ މަސްތަކެއް ނުވެ ވަކިވިއެވެ. އެއަށްފަހު ދެމީހުން އެންމެ ފަހުން ގުޅިފައިވަނީ މިއަހަރުގެ މޭ މަހު އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ކެރީ ބުނީ ވައިޓްގެ މަރަކީ ސިއްސުވާލި އަދި އެހާމެ ހިތާމަވެރި ހަބަރެއް ކަމަށެވެ.