24 Mar 2011, 10:50
މިދިއަ އާދިއްތަ ދުވަހު ހ. އޯކިޑް ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެގޭގެ ތިރީ ބުރީގައި ހުރި ކަރަންޓް މީޓަރު ބޯޑެއްގައި އަލިފާން ރޯވެގެން ކަމަށް ގައުމީ ދިފާއީ ބާރުން މިއަދު ބުނެފި އެވެ.
ފަހަކަށް އައިސް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އެ ހާދިސާއާ ގުޅިގެން ގައުމީ ދިފާއީ ބާރުން ރޭ އާންމު ކުރި ބަޔާނެއްގައި ބުނަނީ އޯކިޑްގޭގައި އަލިފާން ހިފައި ދެ މީހަކު މަރުވީ އެގޭ ތިރީ ބުރީގައި ހުރި ކަރަންޓް މީޓަރު ބޯޑެއްގައި ރޯވެގެން ކަމަށެވެ.
"... މި ހާދިސާ ހިނގާފައި ވަނީ ކަރަންޓްގެ ސަބަބުން ކަމަށް ބެލެވެ އެވެ،" ދިފާއީ ބާރުގެ ބަޔާނުގައިވެ އެވެ.
އޯކިޑުގޭގައި ރޯވި އަލިފާން ގަނޑު މުޅި ގެއަށް ފެތުރި، އެވަގުތު އެގޭގައި ތިބި އެ އާއިލާގެ ހަދީޖާ އަހުމަދު (ހާޖީ އެދުރުގެ ދޮންސިއްތި) އާއި އޭނާގެ ދަރިފުޅު އިއުތިސާމް އާދަމް (އަންގޫ)ގެ ދެމައިން ވަނީ މަރުވެފަ އެވެ.
ދިފާއީ ބާރުން ބުނީ އެ ދެމައިން މަރުވެފައި ތިބި ނުވަ ފޫޓް 15 ފޫޓްގެ ކޮޓަރިއަށް އެ ދެމައިން ގެންގޮސްފައި ވަނީ އަލިފާން ހިފުމުން އެންމެ ސަލަމާތްތެރި ހިސާބަކަށް އެ ދެމައިން ބަދަލުކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ބުނީ އެ ގޭގެ އުތުރު ފަރާތު އެންމެ ބިއްދޮށުގައި ފިލައިން ޑެގް އަޅައިގެން ހަދާފައިވާ އެ ކޮޓަރިއަކީ އެ ދެމައިން އާންމުކޮށް ދިރިއުޅޭ ކޮޓަރިއެއް ނޫން ކަމަށެވެ.
މަރުވި ދެމައިންގެ އާއިލާ އިން ވެސް ބުނެފައި ވަނީ އެ ދެމައިން ތިބީ 15 ފޫޓް ނުވަ ފޫޓުގެ ކޮޓަރިއެއް ކަމަށެވެ.
ދިފާއީ ބާރުން ބުނީ އޯކިޑުގޭގެ ތެރެއިން އެދެމައިން ނެރުނު އިރުވެސް އެ ދެމައިންގެ އެއްވެސް ހަރަކާތެއް ހުރިކަން ފާހަގަ ކުރެވިފައި ނުވާކަމަށާއި އަލިފާނުގެ ސަބަބުން ދެމައިން ވެސް ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު އޯކިޑްގޭގައި ހުރި ފިރިހެން މިހާ އެގޭގައި ތިބި މީހުން ސަލާމަތް ކުރަން މަސައްކަތް ކުރިކަން ފާހަގަ ކުރަމުން ދިފާއީ ބާރުން ބުނެފައިވަނީ "ފިރިހެން މީހާގެ ވާތު ކުޑަ ހުޅާ ދިމާލުން އަތްދަނޑިއަށް ހޫނުވެގެން ފޮޅު ނަގާފައިވުމާއި، ކުދި ތަންތަން ކޮޅު ކަފައިގެން ގޮސް އޭނާގެ އަތަށް ޒަހަމްތަކެއް ލިބިފައި" ވާކަމަށެވެ.
އެއާއިލާއިންވެސް އިއްޔެބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިގި ވަގުތު ގޭގައި ހުރި އާއިލާގެ ފިރިހެން ބޭފުޅާ، މީހުން ސަލާމަތް ކުރަން މަސައްކަތް ކޮށްފައިވާކަމަށެވެ.
މަރުވި ދޮންސިއްތި އަކީ ޖެންޑާ މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު ފާތުމަތު އާފިޔާ އާއި އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބު އިރުތިޝާމް އާދަމާއި ޑރ. އިކްލީލު މަންމަ އެވެ. އަދި އަންގޫއަކީ އެމީހުންގެ ކޮއްކޮ އެވެ.