30 Sep 2015, 11:15
ސްރީ ލަންކާގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެ ގައުމުގެ އާ ސަރުކާރުން ކުރަމުންގެންދާ މައްސައްކަތް ފާހަގަކުރައްވައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެކަމަށް ތައުރީފް ކުރައްވައިފި އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގެ 70 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނައާ ބައްދަލުކުރައްވައި އޮބާމާ ދެއްކެވި ވާހަކަފުޅުގައި، ލަންކާގައި ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ރަނގަޅު ވެރިކަމެއް ދެމެހެއްޓުމަށް ސިރިސޭނަ ދެއްވާ އަހައްމިއްޔަތާއި އަޅަމުންގެންދަވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރެވި އެވެ.
އެގޮތުން އާ ސަރުކާރުން ލަންކާއަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާކަން އޮބާމާ ފާހަގަކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސިރިސޭނާ ވިދާޅުވީ، ހަނގުރާމައަށް ފަހު، ރައްޔިތުންގެ މެދުގައިވާ ދެބައިވުންތައް ނެތިކޮށް، ގައުމަށް އަމާންކަމާ ހަމަޖެހުން ގެނައުމަކީ އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައް ކަމަށެވެ.
ލަންކާގައި ފަގީރުކަން ނައްތައިލުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެގައުމުގެ ސަރުކާރަށް އެމެރިކާ ސަރުކާރުގެ އެހީތެރިކަން ދެއްވާނޭ ކަމަށް ވެސް އެ ބައްދަލުކުރެއްވުމުގައި އޮބާމާ ވިދާޅުވި އެވެ.