30 Sep 2015, 10:16
މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ސަޢުދީ ޢަރަބިއްޔާ އިން އެނބުރި ވަޑައިގެން މާލެއަށް ދަތުރުކުރައްވަނިކޮށް، އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗްކޮޅުގައި ހިނގި އެއްޗެއް ގޮވުމުގެ ހާދިސާއަކީ ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވުން ގާތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް އޭޕީ އަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވި ކަމަށް އެ އެޖެންސީން ބުނީ އެކަން ސަރުކާރުން ހާމަކޮށްފައިވާ ކަމަށެވެ.
"... ސަރުކާރުން ހާމަކޮށްފައި ވަނީ އެއީ ރައީސަށް އަމާޒުކޮށް ދިން ހަމަލާއަކަށް ވުން ގާތް ކަމަށް. އެހެން ވެއްޖެއްޔާ އެއީ ހައްދެއް ނެތްހާ ސީރިއަސް ކަމެއް. އަޅުގަނޑު އެކަން ވަރުގަދައަށް ކުށްވެރިކުރަން،" ޔޫއެން ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ދެއްވި އިންޓަވިއުގައި ދުންޔާ ވިދާޅުވި ކަމަށް އޭޕީގެ ހަބަރުގައިވެ އެވެ.
ހަމަލާއަކަށް ވެއްޖެ އެއީ ކޮން ބަޔަކު ކަމާއި މެދު އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށާއި އެހެން ނަމަވެސް އެއީ ހަމަލާއަކަށް ވެއްޖެ ނަމަ ، އެބައެއްގެ ފަރާތުން ހަމަލާއެއް އައުމުގެ ފުރުސަތު އޮތް ކިތަންމެ ފަރާތްތަކެއް ރާއްޖޭގައިވާ ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދާއި އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މަޢުރޫފާއި ބައެއް ވަޒީރުން ހައްޖުގެ އަޅުކަމަށް ފަހު ހޯމަ ދުވަހު އެނބުރި ރާއްޖެ އަށް ވަޑައިގެން މާލެ އަށް ދަތުރުކުރައްވަނިކޮށް ލޯންޗްގައި އެއްޗެއް ގޮވުމުގެ ސަބަބުން ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ރައީސްގެ ބޮޑީ ގާޑަކަށް، އަދި ޕްރޮޓްކޯލް ބޭފުޅަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފަ އެވެ.