މެދުގެ ފަހުވަގުތު ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު 2-1ގެ ނަތީޖާއަކުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާ ލެވަކޫސަން އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

އަނިޔާގެ ސަބަބުން ލިއޮނަލް މެސީ ނުހިމަނައި ބާސާއިން މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗްގައި ލީޑް ނެގީ ލެވަކޫސަން އެވެ. އެ ލަނޑު ލެވަކޫސަނަށް ކާމިޔާބު ކޮށްދިނީ މެޗުގެ 22 ވަނަ މިނެޓްގައި ޕަޕޮޑޮޕޮލަސްއެވެ.

ލީޑް ގައި އޮވެ ލެވަކޫސަނުން ފުރަތަމަ ހާފް ނިންމާލި އިރު އަމިއްލަ ދަނޑުގައި ކުޅެމުން އައި ބާސާ އިން ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ވަނީ ތަނަވަސް ކޮށްފައެވެ. އެގޮތުން ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ގޯލް މެޗްގެ 80 ވަނަ މިނެޓް ގައި ކާމިޔާބު ކޮށްދިނީ ސާޖީ ރޮބާޓޯ އެވެ. އަދި އޭގެ 2 މިނެޓް ފަހުން 82 ވަނަ މިނެޓް ގައި ސުއަރޭޒް ކާމިޔާބު ކޮށް ދިން ގޯލްއިން ބާސެލޯނާ ވަނީ މޮޅުވެފައެވެ.

ބާސާ ހިމެނޭ ގްރޫޕްގައި ރޭ، ރޯމާ އާއި ބާޓޭ ބޮރިސޯވް ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއިން ކާމިޔާބުކުރީ، ބާޓޭއިންނެވެ.

އެ ނަތީޖާއާއެކު، ގްރޫޕް އީގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކީ އޮތީ ބާސާއެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކީ ލެވަކޫސަން އޮތްއިރު، ތިންވަނައިގައި ތިން ޕޮއިންޓާއެކީ އޮތީ ބާޓޭ ބޮރިސޯވްއެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓަކާއެކީ އޮތީ ރޯމާއެވެ.