މާދަމާ ރޭ ބާއްވަން އޮތް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އަހަރީ ޖަލްސާ ވެސް ފަސްކޮށްފި އެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ އެ ޖަލްސާ ފަސްކުރީ 'އިންޓާނަލް ބައެއް އެރޭންޖެމެންޓްސް' އާ ހެދި ކަމަށެވެ.

އެ ޖަލްސާ އަލުން ބާއްވާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް މުުޖުތަބާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވަން ނިންމި ޑިމްކުރަސީ ވީކް ވެސް ވަނީ ފަސްކޮށްފަ އެވެ.

އަދި މިނިވަން 50 އާ ގުޅުވައިގެން މަރުކަޒީ ބޭންކުން ނެރުމަށް ހަމަޖެހިފައިވާ އާ ނޫޓް ސީރީޒް 'ރަންދިހަ ފަހެއް' އިފްތިތާހު ކުރުމުގެ ޖަލްސާ އާއި 'ފައިނޭންޝަލް އެކްސްޕޯ' ވެސް ވަނީ ފަސްކޮށްފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އެ ރަސްމިއްޔާތު ފަސް ކުރި ސަބަބެއް ނުބުނެ އެވެ.

ރައީސްގެ ލޯންޗްގައި އެއްޗެއްގޮވި ހާދިސާ ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމަކުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.