24 Mar 2011, 10:12
ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި އައްޑޫ ސިޓީ، ހިތަދޫ ވަރުދީގޭ އަހުސަަން ބަޝީރު، 21، މަރުވި ހާދިސާއާއި ގުޅިގެން ފުލުހުން ހޯދަމުންދިޔަ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް، ފިލައިގެން އުޅެނިކޮށް އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މ. އަތޮޅު ފަޅު ރަށެއްގައި އުޅެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. އެއީ ކޮން ފަޅުރަށެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
މިމަހު 16 ވަނަ ދުވަހުގެރޭ މަޖީދީމަގު އަލިކިލެގެފާނުމަގު ޓްރެފިކްލައިޓް ކައިރިން އަހުސަން ބަޝީރަށް ދިން ހަމަލާގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ ޝަހުމް ފިލަިގެން ގޮސް ފަޅުރަށެއްގައި ހުއްޓާ މިއަދު ހެނދުނު 7:00 އިރު އަތުލައިގަނެ ހައްޔަރުކުރިއިރު އޭނާއާއެކު އިތުރު ހަތަރު މީހަކުވެސް އެ ފަޅު ރަށުން ވަނީ ހައްޔަރުކޮށްފަ އެވެ.
ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި ޝަހުމް އޭނާގެ ހަތަރު ބައިވެރިންނާއެކު ހުރީ މ. އަތޮޅުގައި އޮންނަ ކުރެދި ކިޔާ ފަޅުރަށެއްގަ އެވެ. މިވަގުތު ޝަހުމް އާއި އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ތިބީ މ. މުލީގައި ފުލުހުން ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަަޒުގަ އެވެ.
ފުލުހުންގެ މިއަދު ބުނީ ޝަހުމް ހައްޔަރު ކުރުމަށްފަހު ތަހުގީގުތައް ފަށާފައިވާ ކަމަށާއި އޭނާއާއެކު ހައްޔަރު ކުރި އެހެން މީހުންނަކީ ކޮން ބައެއްކަން އެނގޭނީ ތަހުގީގަށް ފަހު ކަމަށެވެ.
އަހުސަންގެ މަރާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަމުން ގޮސް ހައްޔަރު ކުރި ޝަހުމް އަކީ މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލުމުގެ ތުހުމަތުގެ ދައުލަތުން ދައުވާ ކުރާ މީހެކެވެ. ނަމަވެސް ދާދިފަހުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ހަ މަސްވީ އިރު ވެސް މެޑިކޯ ލީގަލް ރިޕޯޓް ނުލިބިގެން ހެލްތް މިނިސްޓަރު ޒިންމާދާރު ކުރުވަން ކަމަށް ބުނެ އެވެ.
އަހުސަން ބަޝީރަށް ވަޅިން ހަމަލާދިނީ ކޯޓުން ޝަހުމް ދޫކޮށްލިތާ ތިން ހަފުތާއާ ހަދުވަހުގެ ތެރޭގަ އެވެ. އަހުސަން ބަޝީރަށް ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް ފަރުވާދޭން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އޭނާއަށް ހަވާލުވެތިބި ފުލުހުން ގާތުގައި އޭނާއަށް ވަޅިން ހަމަލާ ދިނީ ޝަހުމް ކަމަށް އަހުސަން ބަޝީރު ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.