ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯގެ ކުރީގެ ކުލަބް އެފްސީ ޕޯޓޯއަތުން 2-1 ގެ ނަތީޖައަކުން ޗެލްސީ ބަލިވެއްޖެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގް 2004 ވަނަ އަހަރު ޕޯޓޯއަށް ކާމިޔަބުކޮށްދިން މޮރީނިއޯ، ޕޯޓޯއާ ދެކޮޅަށް ނިކުތް އިރު އެޓީމުގެ ގޯލް ބަލަހައްޓަން ހުރީ، މޮރީނިއޯ ރެއާލް މެޑްރިޑަށް ކޯޗް ކޮށްދިން އިރު ފުރަތަމަ އެގާރައިން އޭނާ އެކަހެރިކުރި ކީޕަރު އިކާ ކަސިއަސްއެވެ.

ރޭގެ މެޗުން ކަސިއަސް ވަނީ ޔޫއެފާ ޗެމްޕިއަންސްލީގްގެ އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. ރޭގެ މެޗާއިއެކު ޔޫސިއެލްގައި ކަސިއަސް މިހާތަނަށް ވަނީ 152 މެޗް ކުޅެފައެވެ.

މީގެ ކުރިން ޔޫސީއެލްގެ އެންމެ ގިނަ މެޗް ކުޅެފައިވަނީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްއެވެ. އޭނާ ވަނީ 151 މެޗް ކުޅެފައެވެ.

ރޭގެ މެޗްގައި ޕޯޓޯ މޮޅުވުމުން އެޓީމުގެ ގޯލް ކީޕަރު އިކާ ކަސިއަސް އުފާ ކުރަނީ. ރޭ ގެ މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގްގައި ކަސިއަސް ކުޅުނު 152 މެޗު --- އޭޕީ ފޮޓޯ/ ސްޓީވަން ގޮވީނާ

ރޭގެ މެޗްގައި ޗެލްސީގެ ސްޕެއިންގެ ދެ ކުޅުންތެރިން ކަމުގައިވާ ސެސް ފެބްރިގާސްއާއި ޕެޑްރޯ ރޮޑްރިގޭޒު މެޗްގެ ކުރީކޮޅު ޕޯޓޯގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކެއް ކަސިއަސް ވަނީ ދިފާއުކޮށްފައެވެ.

މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ޕޯޓޯއިންނެވެ. މެޗްގެ 39 ވަނަ މިނެޓްގައި އެޓީމްގެ ލަނޑު ކާމިޔާބު ކުރީ ޕޯޓޯގެ ޔާސީން ބްރަހަމީ ވަރަށް މަސައްކަތުން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު އަސްމީރު ބެގޮވިޗް ދިފާއުކުރުމުން އޮހިގެން ކަހަލަ ގޮތަކަށް އައިބޯޅަ އަންޑުރޭ އަންޑުރޭ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަންއެވެ.

ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން ލަނޑު އުފާ ކުރަނީ. ރޭ ގެ މެޗުން ޗެލްސީ ބަލިވީ 2-1 ގެ ނތީޖައަކުން --- އޭޕީ ފޮޓޯ/ ސްޓީވަން ގޮވީނާ

ވިލިއަން މިބޯޅަ ފޮނުވާލިރު މިބޯޅަ ދިފާއުކުރުމަށް ކަސިއަސްއަށް ކުރެވުނު ކަމެއް ނެތެވެ. ފަހުން އޭނާ ބުނީ އެބޯޅަ އައިގޮތް އޭނާއަށް ނުފެނުނު ކަމަށެވެ.

ޕޯޓޯ މެޗުން މޮޅުވި ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ރުބެން ނީވްސް ނެގި ކޯނަރު ދިފާއުކުރުމަށް ޑިއޭގޯ ކޯސްޓާ ބޯޅަ ފޮނުވާލުމަށް ފައި ދިއްކުރި ނަމަވެސް އޭނާގެ ފައިގައި ޖެހުމުގެކުރިން މައިކޮން ބޮލުން ބޯޅަ ފޮނުވާލައިގެންނެވެ.

ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު ޕޯޓޯގެ މައިކޮން (ކ،2) އުފާކުރާއިރު ޗެލްސީގެ ކުޅުންތެރިން ބަލަހައްޓައިގެން --- އޭޕީ ފޮޓޯ/ ސްޓީވަން ގޮވީނާ

މި މެޗުން މޮޅުވުމާއެކު ޕޯޓޯ ތާވަލްގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.

ގްރޫޕްގެ ދެ ވަނައިގައި އޮތް ޑައިނަމޯ ކިއޭވްއަށްވެސް ވަނީ ހަމަ މިޢަދަދަށް ޕޮއިންޓް ލިބިފައެވެ. ނަމަވެސް ޕޯޓޯއަށް އެއް ވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.

ތިން ވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތާވަލްގެ ފުލުގައި އެންމެ ޕޮއިންޓެއް ނުލިބި އޮތީ މެކަބީ ތެލްއަވީވެވެ.

ޗެލްސީއާ ވާދަވެރި އާސެނަލްވެސް ރޭ ވަނީ އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.