ޕޯލް ވޯކާ މަރުވާން ދިމާވީ ކާރުގައި މައްސަލަތަކެއް ހުރުމުން ނޫން ކަމަށާއި ގަވާއިދާ ހިލާފަށް ދުއްވުމުގެ ސަބަބުން ކަމަށް ބުނެ، ކާރު އުފެއްދި ކުންފުނި "ޕޯޝް" އިން ރައްދު ދީފި އެވެ.

ޕޯލް އެކާރުގެ ކުރީ ސީޓުގައި އިންއިރު ކާރު ދުއްވަން އިނީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރޯޖާ ރޯޑާސް އެވެ. އެކާރު ދުއްވަމުން އައި ބާރުމިނުގައި އައިސް ހޮޅިދަނޑިއެއްގައި ޖެހި ކާރުގައި އަލިފާން ރޯވި އެވެ. އެ ހާދިސާގައި ޕޯލްގެ އިތުރުން ރޯޖާ ވެސް ވަނީ މަރުވެފަ އެވެ.

ނޮވެމްބަރު 2013ގައި ހިނގި އެ ހާދިސާ އަށް ދެ އަހަރު ވާން ކައިރިވެފައިވާ އިރު ޕޯލްގެ 16 އަހަރުގެ ދަރިފުޅު މެޑޯ، އޭނާ ބައްޕަ ދުއްވި ކާރުގައި ސަލާމަތީ މައްސަލަތަކެއް ހުރިކަމަށް ބުނެ ޕޯޝް އާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ވާހަކަ ވަނީ މީޑިއާތަކުގައި ފަތުރައިފަ އެވެ.

ދައުވާ އަށް ރައްދު ދެމުން ޕޯޝް އިން ބުނެފައި ވަނީ އެ ކުންފުނީގެ ވެހިކަލެއް ދުއްވަނިކޮށް މީހަކު މަރުވެފައި ވުމަކީ ހިތާމަކުރާ ކަމެއް ވިޔަސް ޕޯލް ވޯކާ އާއި ރޯޖާސްގެ މަރަކީ ފަރުވާ ކުޑަކޮށް ކާރު ދުއްވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ.

ހަތަރު މަހުގެ ތަހުގީގަށް ފަހު ފުލުހުން އެކުލަވާލި ރިޕޯޓުގައި ވަނީ އެ އެކްސިޑަންޓް ދިމާވާން މެދުވެރިވީ ކާރު މާ ބާރަށް ދުއްވުމުން ކަމަށެވެ. އެ ރިޕޯޓުގައިވާގޮތުން "ޕޯޝް ކެރާރާ ޖީޓީ" ބްރޭންޑުގެ އެ ކާރު ހޮޅިދަނޑީގައި ޖެހުނު އިރު ރޮޖާ އެ ކާރު ދުއަވަމުން ދިޔައީ ގަޑިޔަކު 94 މޭލުގެ ބާރުމިނުގަ އެވެ.

މެޑޯ ދައުވާ ކުރާ ގޮތުގައި އެ ކާރު އެކްސިޑެންޓުވި އިރު ދުއްވަމުން ދިޔައީ ގަޑިއަކު 71 މޭލު ބާރުމިނުގެ ދުވެެއްޔެއްގަ އެވެ.

ރޯޖާ ގެ ހުވަފަތް އަންހެނުން ވެސް ވަނީ މިދިޔަ އަހަރު މިފަދަ ދައުވާ އެއް ޕޯޝް އާ ދެކޮޅަށް އުފުލާފަ އެވެ. އެ ކުންފުނިން ވަނީ އެ އެކްސިޑެންޓަކީ ކާރުގައި އެއްވެސް މައްސަލައެއް ހުރެގެން ދިމާވި ކަމެއް ނޫން ކަމަށާއި އެއީ ރޮޖާގެ އިހުމާލުން ވީ ކަމެއް ކަމަށް ބުނެފަ އެވެ.