ސިވިލްސާވިސް ކޮމިޝަނުގެ ނާއިބު ރައީސް ޖަމީލާ އަލީގެ ބައްޕާފުޅު އަލީ ހާލިދު ނިޔާވެއްޖެ އެވެ.

މުސްކުޅި ބަލީގައި އުމުރުން 84ގައި އަލީ ހާލިދު ނިޔާވެފައި ވަނީ ރޭ ދަންވަރު 1:05ގައި އައިޖީއެމްއެޗްގަ އެވެ.

އާއިލާ އިން މައުލޫމާތުދިން ގޮތުގައި އަލީ ހާލިދުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ އެވެ. ވީހާ ވެސް ގިނަ ބަޔަކު އެ ކަށުނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

މައްޗަންގޮޅި ވައިމަތީގޭ އަލީ ހާލިދު ނިޔާވި އިރު ދުނިޔޭގައި ދެ ކުދިން އެބަތިއްބެވެ. އެއީ ޖަމީލާއާ އެކު ދެ އަންހެން ކުދިންނެވެ.

އަލީ ހާލިދު އަކީ ސަރުކާރަށް 59 އަހަރު ހިދުމަތްކުރައްވާފައިވާ ހިދުމަތް ތެރިއެކެވެ. ސަރުކާރަށް ހިދުމަތް ކުރެއްވުން ހުއްޓަވާލެއްވީ 2007 ވަނަ އަހަރު ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު އެވެ. އޭރު ހުންނެވީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

އަލީ ހާލިދު ހިދުމަތް ކުރެއްވި އިދާރާތަކުގެ ތެރޭގައި ކަސްޓަމްސް އާއި ޖަސްޓިސް މިނިސްޓްރީގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ހެޑް މާސްޓަރު ކަމަށާއި ޕަބްލިކް ހެލްތުގެ އިތުރުން ސްޕޯޓްސް ޑިވިޝަން ހިމެނެ އެވެ.