30 Sep 2015, 09:25
ނިޔުޔޯކް (ސެޕްޓެމްބަރު 30): އައިއެސް ޖަމާއަތް ބަލިކުރުމަށްޓަކައި ސޫރިޔާގެ ޒަޢާމަތަށް އައު ލީޑަރަކު ބޭނުންކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވައިފި އެވެ.
ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ނިޔުޔޯކްގައި މިހާރު ކުރިޔަށްދާ ސަތޭކައަށްވުރެ ގިނަ ގައުމު ހިމެނޭ ބައިނަލްއަގްވާމީ މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، އައިއެސް ޖަމާއަތް ބަލިކުރުމަށްޓަކައި ސޫރިޔާގެ ޒަޢާމަތަށް އައު ލީޑަރަކު ބޭނުންވެފައިވާ ކަމުގައެވެ. އަދި ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން އެއްބައިވަންތަ ކުރެވޭނީ އެގައުމުގެ ރައީސްކަމަށް އައު ބޭފުޅަކު ގެނެވިގެންކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.
މި މަހާސިންތާއަކީ އައިއެސް ޖަމާއަތް ނައްތާލުމަށްޓަކައި މުޅި ދުނިޔެ އެއްގަލަކަށް އަރަމުންދާކަން ހާމަވާކަމުގެ ހެއްކެއް ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.
އދ. ން އިންތިޒާމްކޮށްގެން ބާއްވާ ޓެރަރިޒަމާބެހޭ މަހާސިންތާގައި އެމެރިކާއާއި ރަޝިޔާގެ ރައީސުންގެ އިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއާއި އދ. ގެ އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގެ އަރިމަތީގައި ނިޔުޔޯކްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އަންގާރަދުވަހު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައިވެސް ދެބޭފުޅުންނަށް އެއްގަލަކަށް އަރާވަޑައިގެންނެވިފައިވަނީ ޓެރަރިޒަމްގެ މައްސަލައިގައެވެ. މި ބައްދަލުކުރެއްވުމުގައި އޮބާމާ ވަނީ އައިއެސްއާ ހަނގުރާމަ ކުރުމަށްޓަކައި ރަޝިޔާ ސިފައިން ސޫރިޔާގައި ހިންގާ ހަރަކާތްތަކަށް އެމެރިކާ ތާއީދުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެމެރިކާއާއި ރަޝިޔާގެ ސިފައިން ސޫރިޔާގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އެއްބަޔަކު އަނެއްބަޔަކާ ޖެހި މުޑިނާރާނެ ގޮތެއްގެމަތިން ހަރަކާތްތެރިވުމަށް އޮބާމާއާއި ޕޫޓިންވަނީ އެ ބައްދަލުކުރެއްވުމުގައި އެއްބަސްވެ ވަޑައިގެންފައެވެ.
އޮބާމާއާއި ޕޫޓިންގެ މި ބައްދަލުކުރެއްވުމަށްފަހު ސޫރިޔާގެ ވައިގެ ސަރަހައްދުގައި އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތައް ރަޝިޔާ ސިފައިންނާ ގުޅިގެން ވިލަރެސް ކުރުމަށް އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރުވަނީ އިރާގާއި ސޫރިޔާއަށް ވައިގެ ހަމަލާތައް ދިނުމުގެ ކަންތައް ބަލަހައްޓާ އެމެރިކާ ސިފައިންގެ ކޮމާންޑަރުންނަށް އަމުރު ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)