30 Sep 2015, 01:23
މައުލޫމާތު ހޯދައި ލިބިގަތުމާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތެއް އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން މިރޭ ނެރެފި އެވެ.
އެ ފޮތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހިމަނައިގެން، "މައުލޫމާތުގެ މައުލޫމާތު" މި ނަމުގައި އިންފޯމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ލިޔުއްވާފައިވާ ފޮތެކެވެ.
އެ ފޮތުގައި ހިމަނާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޚަބަރާއި މައުލޫމާތުގެ ތަފާތަކީ ކޮބައިކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، އިންފޯމޭޝަން އޮފިސަރުންނާއި މީޑިއާ އޮފިސަރުންގެ ތަފާތާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާމެދު ހިޔާލުތަފާތުވުންތަކާއި، މައުލޫމާތު ފެތުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ފަދަ މައުލޫމާތުތައް ހިމެނެ އެވެ.
އިސްލާމިކް ޔުނިވާސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ރަސްމީކޮށް ނެރެދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު އެވެ. މިރޭގެ ރަސްމިއްޔާތުގައި ވަނީ އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުގެވެބްސައިޓްވެސް ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންފޯމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރަން ޖެހިފައިވާ ކަމަށާއި އެމީހަކު ބޭނުންވާ މައުލޫމާތެއް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ވެސް ދޭންޖެހޭނެ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެކި ގޮތްގޮތުން ވޭތުވެދިޔަ އަހަރު އެހީތެރިވެ ދެއްވި މުއައްސަސާތަކާއި، އެ އޮފީހުގެ ވޭތުވެދިޔަ އަހަރު އެންމެ ފާހަގަކުރެވުނު މަސައްކަތްތައް ކޮށްފައިވާ މުއައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ.