ސްރީ ލަންކާގެ ފިނޭންސް މިނިސްޓަރު ރައީސް އަބްދުﷲ ޔާމީނުގެ ދެކަނބަލުންގެ އަރިހަށް މިރޭ ޒިޔާރަތް ކުރައްވައިފި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މިރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަނައިކު މިރޭ އައިޖީއެމްޗަށް ވަޑައިގެން ރައީސް ޔާމީނުގެ ދެކަނބަލުންގެ އަރިހަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް އަދީބާއި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު ރައީސް ޔާމީނުގެ ދެކަނބަލުންގެ އަރިހަށް މިރޭ ޒިޔާރަތް ކުރައްވާފައިވާއިރު ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑރ. ހަރްޝާ ޑި ސިލްވާ ވަނީ ރޭގެ ވަގުތެއްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އަށް ފޯނުން ގުޅުއްވައި އިއްޔެ ހިނގި ހާދިސާއާ ގުޅިގެން ސްރީ ލަންކާގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ލަންކާ ސަރުކާރުން ވަނީ އެ ހާދިސާގެ ފޮރިންސިކް ތަހުގީގެއް ބޭނުންވެއްޖެ ހިނދެއްގައި ސްރީ ލަންކާގެ ސަރުކާރުން އެ އެހީތެރިކަމެއް ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައިވަނީ، ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަށް ވަޑައިގެން އިއްޔެ ހެނދުނު ހުޅުލެއިން މާލެއަށް ދަތުރުކުރައްވައި އިއްޒުންދީން ފަލަމާ ގާތްކުރަނިކޮށެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ރައީސް އަބްދުﷲ ޔާމީނުގެ ދެކަނބަލުންގެ އަރިހަށް މިރޭ ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ/ ނިހާނު އެފްބީ

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލަ ތަހުގީގު ކުރުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުއްވި ފޮރިންސިކް ޓީމެއް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު، އެ މައްސަލައިގެ ތަހުގީގުގައި އެމެރިކާ އާއި އޮސްޓްރޭލިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް، ހަމްދޫން ރަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އޭޖެންޓަކު ރާއްޖެ އައިސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.