30 Sep 2015, 00:46
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިއަދު ހަވީރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އެމްއާރްއައި ސްކޭނެއް ހަދައިފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި މެޑަމް ފާތުންގެ އެމްއާރްއައި ސްކޭނެއް ހަދާފައި ވަނީ ރިޔާސީ ލޯންޗުގައި ހިނގި އެއްޗެއްގޮވުމުގެ ހާދިސާގައި އެކަމަނާގެ މައިބަދައިގެ ހަތަރު ތަނަކުން ރެނދުލާފައި ވާތީ އެވެ.
އައިޖީއެމްއެޗުން މެޑަމް ފާތުން ބެއްލެވި ޑޮކްޓަރު ވަނީ ތިން ހަފްތާވަންދެން އެކަމަނާ ބެޑް ރެސްޓު ކުރެއްވުމަށް އަންގާފަ އެވެ.
މެޑަމް ފާތުންގެ އިތުރުން ރައީސް ޔާމީންގެ ބޮޑީގާޑު އަބްދުއްނާސިރާއި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސާލިހާއި އިތުރު ބޭފުޅަކު ވެސް ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައެވެ. އެހެންނަމަވެސް އެބޭފުޅުންގެ ސިއްހީ ހާލަތުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެފައި ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަން އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.