މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ނުވަތަ "ގޯލްޑެން ސްޓާ"އަކަށް ޔޫސުފް ރިފްދާން އަފީފް ހޮވިއްޖެ އެވެ.

ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ރިފްދާންއަށް ލިބިފައިވާއިރު އޭނާ ވަނީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ރާއްޖޭގެ ގައުމީ އަދި ސްކޫލުގެ ގަދަ 10 ގައި އެއް ވަނަ ވެސް ހޯދާފަ އެވެ.

ސްކޫލުން ހުރިހާ ގޮތަކުން ދެ ވަނައަށް އެންމެ މޮޅު ދަރިވަރު ނުވަތަ "ސިލްވާ ސްޓާ"ގެ މަގާމު ހޯދާފައި ވަނީ އަބްދުﷲ ޔާފީޒް އެވެ.

މަޖީދިއްޔާގެ ހުރިހާ ގޮތަކުން ތިންވަނައަށް އެންމެ މޮޅު ދަރިވަރު ނުވަތަ "ބްރޮންޒް ސްޓާ"ގެ މަގާމު މިދިޔަ އަހަރު ދެ ދަރިވަރަކު ވަނީ ހޯދާފައެވެ. އެގޮތުން އެ މަގާމު ހޯދާފައި ވަނީ މުހައްމަދު މުޒާހް އާއި އަބިޔާން މުހައްމަދު ސަލީމެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި މަޖީދިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ވޭތުވެ ދިޔަ އަހަރު މަޖީދިއްޔާ ސްކޫލުން އޯލެވެލް އިމްތިހާނުގައި 119 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރެއިން 82 ޕަސެންޓް ދަރިވަރުން ވަނީ ފަސް މާއްދާއިން މަތިން ފާސްވެފައެވެ.

ޖުމްލަ 23 ދަރިވަރަކު ގައުމީ ގަދަ 10 ގައި އެ ސްކޫލުން މިދިޔަ އަހަރު ހިމެނިފައިވާއިރު ތިން ދަރިވަރަކު ވަނީ އެއްވަނަ މަގާމު ވެސް ހޯދާފައެވެ. އެ ދަރިވަރުންނަކީ އަބިޔާން މުހައްމަދު ސަލީމާއި މުހައްމަދު މުޒާހް އާއި ޔޫސުފް ރިފްދާން އަފީފެވެ. އޭގެ އިތުރުން ގަދަ 10 ގެ ދެވަނައިގައި ވެސް އެ ސްކޫލުން ތިން ދަރިވަރަކު ވަނީ ހިމެނިފައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި މަޖީދިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

މަޖީދިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އިތުރު ހަރަކާތްތަކުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ. އެގޮތުން އިތުރު ހަރަކާތްތަކުގައި ބައިވެރިވެގެން އެކި ވަނަވަނައަށް އައި 28 ދަރިވަރަކަށް ވަނީ މިރޭގެ ރަސްމިއްޔާތުގައި އިނާމުދީފަ އެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ ހަފްލާގައި ކޮންމެ ކްލާހަކުން އެކެޑެމިކަލީ އެެންމެ ރަނގަޅު ދަރިވަރާއި އަހުލާގީ ގޮތުން އެންމެ ރަނގަޅު ދަރިވަރަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މަޖީދިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

މިރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ރަސްމިއްޔާތުގައި ވިދާޅުވީ ރާއްޖޭގެ ރައީސް ކަމާއި ނައިބު ކަން މިހާތަނަށް ކޮށްފައިވާ ކޮންމެ ބޭފުޅަކީވެސް މަޖީދިއްޔާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅުންނަށް ވުމާއެކު މަޖީދިއްޔާގެ ނަން ވަރުގަދަކޮށް ބެހެއްޓުމަކީ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއް ކަމަށެވެ.

"ވޭތުވެ ދިޔަ އަހަރުތަކުގައި މަޖީދިއްޔާއިން ވަނީ ވަރަށް ގިނަ ދަރިވަރުންތަކެއް ތައުލީމު ހާސިލް ކޮށްފައި. ހަމަ އެފަދައިން ރާއްޖޭގެ ރައީސް ކަމާއި ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަކީވެސް މަޖީދިއްޔާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅުން. އެހެން ކަމުން މަޖީދިއްޔާ އަށް ލިބިފައިވާ ޝަރަފާއި ފަހުރު ދެމެހެއްޓުމުގައި ދެމި ތިބުމަކީ ސްކޫލަށް ވަންނަ ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ

ނަޒީރު ވިދާޅުވީ މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ އެންމެ ގަދީމީ ސްކޫލުކަމަށާއި އޭގެ ސަބަބުން މަޖީދިއްޔާ ސްކޫލަކީ ގިނަ ބައެއްގެ ގަދަރު ލިބިފައިވާ ސްކޫލެއް ކަމަށެވެ.