އެންމެ މޮޅު ކްރިސްޓްމަސް ފެމެލީ ކޮމެޑީ ފިލްމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، "ހޯމް އެލޯން" ރިލީޒްކުރިތާ 25 އަހަރު ފުރުން ފާހަގަކުރުމަށް އެ ފިލްމު އަލުން ބޮޑު ސްކްރީނުގައި އަޅުވަން ނިންމައިފި އެވެ.

ފަތޮމް އިވެންޓްސް އާއި ޓުވެންޓިއަތު ސެންޗަރީ ފޮކްސް އިން ހާމަކުރި ގޮތުގައި، 1990 ވަނަ އަހަރު ރިލީޒްކުރި "ހޯމް އެލޯން" އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް އެ ފިލްމު އަޅުވަން ނިންމާފައިވަނީ އެމެރިކާގެ ހޮވާލެވޭ ވަކި ތިއޭޓަރުތަކެއްގައެވެ.

ހަމައެކަނި ނޮވެމްބަރު އަށެއް އަދި 11 ގައި އަޅުވަން ނިންމާފައިވާ އެ ފިލްމު އަޅުވާ ދުވަހު ހާއްސަ އެކްސްކްލޫސިވް ތައާރަފެއް ވެސް ދޭން ނިންމާފައިވެ އެވެ.

ޖޯން ހިއުސް ލިޔެ، ކްރިސް ކޮލަމްބަސް ޑައިރެކްޓްކޮށްފައިވާ "ހޯމް އެލޯން" އަކީ ގެއަކަށް ވަންނަން މަސައްކަތްކުރާ ދެ ވަގުންގެ ކިބައިން އެ ގެ ސަލާމަތްކުރުމަށް އަށް އަހަރުގެ ކުއްޖަކު ކުރާ ވިސްނުންތޫނު ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

މިހާތަނަށް އެމެރިކާގައި އެޅުވި ލައިވް އެކްޝަން ކޮމެޑީ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އެއް ފިލްމުގެ ގޮތުގައި އަދިވެސް ހިމެނޭ އެ ފިލްމަށް އެމެރިކާ އިން އެކަނި ވެސް 285.7 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މުޅި ދުނިޔެއިން އެ ފިލްމަށް ވަނީ 476.6 މިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ.