ތ. ގުރައިދޫ "ސަވާރީ" ބޯޓު އެހެލުމަށް ތައްޔާ ކުރުމުގެ ގޮތުން ސާފު ކުރުމަށް އުޅުނު މީހެއް ގަޔަށް ދަގަނޑު ތާނގީއެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބި ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ތަރުޖަމާނެއް ކަމަށްވާ މުހައްމަދު އަބްދުލް ސައްތާރު ވިދާޅުވީ މިއަދު ހިނގި ހާދިސާ އާ ގުޅިގެން ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ އިރު ވައިގެ މަގުން އޭނާ މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އާސަންދަ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ މިއަދު 11 ޖަހާކަންހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ މީހާގެ ކަރާ ދިމާލަށް އަނިޔާތަކެއް ވެފައިވާ އިރު ކަށްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އެ ހާދިސާ ހިނގާފައި ވަނީ ހެނދުނު 09:00 ޖަހާ އެހާކަށްހާއިރު ކަމަށެވެ.

އެމީހާގެ ގައިމައްޗަށް ތާނގި ވެއްޓިފައި ވަނީ ސަވާރީ ބޯޓު ގުރައިދޫ އަށް އެހެލުމަށް ތައްޔާރު ވުމުގެ ގޮތުން އޭގެ އެތެރެ ސާފު ކުރަނިކޮށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތާނގި ވެއްޓުނީ އޮޑީގެ ވަތުތެރޭ ގުދަށް އޮއްވައި އޭނާ ބުރަކަށްޓަށް ކަމަށެވެ.

މިމަހު 19 ގައި މ. ދިއްގަރު ކައިރީ ފަރަށް އަރާފައިވާ ސަވާރީ ބޯޓު ވަނީ މިދިޔަ ހަފްތާ ފެތިފައެވެ. ބޯޓު ފުން ކުރުމުގެ ތެރޭގައި ފެތުނު އެ ބޯޓު ވަނީ ގުރައިދޫ އަށް ގެންގޮސްފައެވެ. ބޯޓު ފަރަށް އެރި އިރު އޭގައި އަންހެނުންނާއި ކުޑަކުދިންނާ އެކު ޖުމްލަ 168 މީހަކު ތިއްބެވެ.