ސިއްހަތަށް ގެއްލުން ހުރި، ހާއްސަކޮށް ހިތުގެ މައްސަލަތައް ޖެހުން އިތުރުކޮށްދޭ ލޮނު، ހަކުރު އަދި ކާށިތެލުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސްރީ ލަންކާ ސަރުކާރުން ވިސްނަން ފަށައިފި އެވެ.

ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައިގެން ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ލަންކާގެ ހެލްތް މިނިސްޓަރު ރަޖިތާ ސެނަރަތުނާ ވިދާޅުވީ، ރަލާއި ދުންފަތުން ނަގާ ޓެކްސް ބޮޑުކުރާ ފަދައިން ލޮނު، ހަކުރު އަދި ކާށިތެލުން ނަގާ ޓެެކްސް ވެސް ބޮޑުކުރަންޖެހޭ ކަމަށެވެ.

"ހަށިގަނޑަށް ފައިދާހުރި ކެއުމަކީ ސިއްހަތު ރަނގަޅު ހިތަކަށް މުހިއްމު އެއްޗެއް. ސްރީ ލަންކާގެ މީހުންނަށް ކަމުދަނީ ރަހަ ރަނގަޅު ކާނާ. ބޭރު މީހުން އަހަރެމެންގެ ތެރެއަށް ހަކުރާއި ލޮނު އަދި ތެޔޮ ތައާރަފް ކުރީ. އަދި އެމީހުން އެބުނަނީ އެއީ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫން ކަމަށް،" މިނިސްޓަރު ސެނަރަތުނާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ސްޕޯޓްސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގުޅިގެން އެތަކެތިން ނަގާ ޓެކްސް ބޮޑު ކުރުމަށް ފިނޭންސް މިނިސްޓަރާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މައުލޫމާތު: ލަންކާގެ ނޫސް އެޖެންސީތައް