29 Sep 2015, 21:04
ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ބޭނުންވާ ފޮރިންސިކް އެހީ ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ސްރީ ލަންކާގެ ސަރުކާރުން ބުނެފި އެވެ.
ސްރީ ލަންކާގެ ނޫހެއް ކަމަށްވާ ކޮލަންބޯ ޕޭޖުގައި ބުނެފައިވާ ގޮތުން، ސްރީ ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑރ. ހަރްޝާ ޑި ސިލްވާ ވަނީ ރޭގެ ވަގުތެއްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އަށް ފޯނުން ގުޅުއްވައި އިއްޔެ ހިނގި ހާދިސާއާ ގުޅިގެން ސްރީ ލަންކާގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މީގެ އިތުރުން، އެ ހާދިސާގެ ފޮރިންސިކް ތަހުގީގެއް ބޭނުންވެއްޖެ ހިނދެއްގައި ސްރީ ލަންކާގެ ސަރުކާރުން އެ އެހީތެރިކަމެއް ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް ވެސް ޑރ. ހަރްޝާ ވަނީ ރާއްޖޭގެ ސަރުކާރަށް ޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައިވަނީ، ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަށް ވަޑައިގެން އިއްޔެ ހެނދުނު ހުޅުލެއިން މާލެއަށް ދަތުރުކުރައްވައި އިއްޒުންދީން ފަލަމާ ގާތްކުރަނިކޮށެވެ.
އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުންގެ މައިބަދައިގެ ހަތަރު ތަނެއްގައި ރެނދުލައިފައިވާއިރު، ރައީސް އޮފީހުގެ މުވައްޒަފަކާއި ރައީސްގެ ބޮޑީގާޑަކަށް ވަނީ އަނިޔާވެފަ އެވެ.
މުންދު އަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑރ. ހަރްޝާ ވަނީ ރައީސް ޔާމީނަށް ހެޔޮ ސިއްހަތެއް ދެއްވުމަށާއި މެޑަމް ފާތުމަތު އިބްރާހީމަށް އަވަސް ޝިފާއަކަށް ވެސް އެދިލައްވާފަ އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލަ ތަހުގީގު ކުރުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުއްވި ފޮރިންސިކް ޓީމެއް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު، އެ މައްސަލައިގެ ތަހުގީގުގައި އެމެރިކާ އާއި އޮސްޓްރޭލިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް، ހަމްދޫން ރަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.
މީގެ އިތުރުން، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އޭޖެންޓަކު ރާއްޖެ އައިސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.