ލަޔާގަތާ ގާބިލިއްޔަތު ތަންދިން ވަރަކުން ރާއްޖޭގެ ތަހުގީގު ޓީމާއެކު މަސައްކަތް ކުރާނެ ކަމަށް، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލަ ތަހުގީގު ކުރަން ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވި އެ ގައުމުގެ ފޮރެންސިކް ޓީމުން ބުނެފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވަނީ އެ ޓީމާ ބައްދަލުކުރައްވާފަ އެވެ. ބައްދަލުވުމާ ގުޅޭ ގޮތުން ފުލުހުން ބުނީ މި ހާތަނަށް އެމައްސަލައިގެ ތަހުގީގުގައި ދިވެހި ފުލުހުންގެ ތަހުގީގު ޓީމުން ކޮށްފައިވާ މަސައްކަތަކީ ފާހަގަ ކުރެވޭފަދަ މުހިއްމު މަސައްކަތެއްކަން ސައުދީ ފޮރެންސިކް ޓީމުގެ މެމްބަރުން ފާހަގަކޮށްފައިވާ ކަމަށެވެ. ސައުދީގެ ސަރުކާރުގެ ހުށަހެޅުން ގަބޫލުކޮށް އެ ޓީމަށް ތަހުގީގުގައި ފުރުސަތު ދެއްވީތީ އެ ޓީމުން ވަނީ ދިވެހި ސަރުކާރަށް ޝުކުރުއަދާކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި މިއަދު މެންދުރުފަހު އޮތް ބައްދަލުވުމުގައި ސީޕީ ހުސައިން ވަހީދު ވަނީ، އަވަސް ގޮތަކަށް އެ މައްސަލައިގެ ތަހުގީގުގައި އެހީތެރިވުމަށް ފޮރެންސިކް ޓީމެއް ފޮނުއްވައިދެއްވިކަމަށްޓަކައި ސައުދީ ރަސްގެފާނަށާއި ސައުދީ ސަރުކާރުގެ ވެރިންނަށާ ސައުދީ ފުލުހުންގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އެޓީމުން މިހާރު ތަހުގީގު ފަށާފައި ވާތީ ސީޕީ ޝުކުރު އަދާކުރެއްވި އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން ފުލުހުން ބުނީ ސައުދީ ފޮރެންސިކް ޓީމުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ އެ ހާދިސާއަކީ ވަރަށް ހިތާމަހުރި ހާދިސާއެއްކަން ފާހަގަ ކުރައްވާފަ ކަމަށެވެ. އަދި ރާއްޖޭގައި ހިނގާ މިފަދަ ތަހުގީގެއްގައި ދިވެހިންނާއެކު މަސައްކަތްކުރަން ފުރުސަތު ލިބުނުކަމީ ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ބޭނުމަށް ބޭނުންފުޅު ކުރައްވާ "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮވާފައި ވަނީ، ރައީސް ޔާމީން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، އެ ލޯންޗު މާލޭގެ އިއްޒުއްދީން ފާލަމަށް ގާތްކުރަނިކޮށެވެ.