29 Sep 2015, 19:15
ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޕޯލް ވޯކާ ގެ ދަރިފުޅު އޭނާގެ ބައްޕަ މަރުވި އިރު ދުއްވަން އިން ކާރު އުފެއްދި ކުންފުނި ކަމުގައިވާ "ޕޯޝާ" އާއި ދެކޮޅަށް ދައުވާ ކުރަން ނިންމައިފި އެވެ.
ޕޯލް އެކާރުގެ ކުރީ ސީޓުގައި އިންއިރު ކާރު ދުއްވަން އިނީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރޮޖާ ރޯޑާސް އެވެ. އެކާރު ދުއްވަމުން އައި ބާރުމިނުގައި އައިސް ހޮޅިދަނޑިއެއްގައި ޖެހި ކާރުގައި އަލިފާން ރޯވިއެވެ. މި ހާދިސާގައި ޕޯލް ގެ އިތުރުން ރޮޖާ ވެސް ވަނީ ދުނިޔެ ދޫކޮށްފަ އެވެ.
ނޮވެމްބަރު 2013 ގައި ހިނގި މި ހިތާމަވެރި ހާދިސާ އަށް ދެ އަހަރު ވާން ކައިރިވެފައިވާއިރު މީޑިޔާ ތަކުން ދަނީ ޕޯލް ގެ 16 އަހަރުގެ ދަރިފުޅު މެޑޯ އޭނާ ބައްޕަ ދުއްވި ކާރުގައި ސަލާމަތީ މައްސަލަތަކެއް ހުރިކަމަށް ބުނެ "ޕޯޝާ" އާއި ދެކޮޅަށް ދައުވާ ކުރަން ނިންމި ޚަބަރު ފެތުރަމުންނެވެ.
"ޕޯޝާ" އިން ރަސްމީ ގޮތައްގައި އަދި އެ ދައުވާ އާއި ބެހޭގޮތުން ބަހެއް ބުނެފައެއް ނެތެވެ.
ހަތަރު މަހުގެ ތަހުގީގަށްފަހު ފުލުހުން އެކުލަވާލި ރިޕޯޓުގައި ވަނީ އެ އެކްސިޑަންޓު ދިމާވާން މެދުވެރިވީ ކާރު މާ ބާރަށް ދުއްވުމުން ކަމަށެވެ. އެ ރިޕޯޓުގައިވާގޮތުން "ޕޯޝާ ކެރާރާ ޖީޓީ" ބްރޭންޑުގެ އެ ކާރު ހޮޅިދަނޑީގައި ޖެހުނު އިރު ރޮޖާ އެ ކާރު ދުއަވަމުން ދިޔައީ ގަޑިޔަކު 94 މޭލުގެ ބާރުމިނުގަ އެވެ.
މެޑޯ ދައުވާ ކުރާ ގޮތުގައި އެ ކާރު އެކްސިޑެންޓުވިއިރު ދުއްވަމުން ދިޔައީ އެއަށް ވުރެ މަޑު ދުވެެއްޔެއްގައެވެ.
ޓީއެމްޒީއިން ހަބަރު ފަތުރާފައި ވާ ގޮތުގައި އެ ދައުވާގައި، "ސީޓުބެލްޓުގެ ސަބަބުން އެތައް ހާސް ޕައުންޑެއްގެ ބާރުމިނާއެކު ފޯލްގެ މަތީ ހަށިގަނޑު ސްނެޕްވެ އެކަމުގެ ސަބަބުން އޭނާގެ މޭ ކަށިގަނޑާއި ޕެލްވިސް ބިންދައިގެން ދިޔަ،" ކަމަށް ލިޔެފައިވެއެވެ. އަދި މީގެ އިތުރުން ސީޓުބެލްޓުގެ ސަބަބުން އޭނާ ކާރުގައި ތާށިވެ އަލިފާން ރޯވުމުން ސަލާމަތް ވުމުގެ ފުރުސަދު ދިޔަ ކަމަށް ލިޔެފައި ވެއެވެ.
ލޮސް އެންޖެލިސް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދައުވާގައި އެ ކާރުގައި އެ އެކްސިޑެންޓު ހިނގައިދިއުން ހުއްޓުވޭފަދަ ވަސީލަތެއް ނެތް އިރު ކުޑަމިނުން ޕޯލްގެ ފުރާނަ އެ އެކްސިޑަންޓުން ސަލާމަތްކުރެވޭނެ ވަސީލަތެއް ވެސް ނެތެވެ.
ރޮޖާ ގެ ހުވަފަތް އަންހެނުން ވެސް ވަނީ މިދިޔަ އަހަރު މިފަދަ ދައުވާ އެއް "ޕޯޝާ" އާއި ދެކޮޅަށް އުފުލާފައެވެ. އެ ކުންފުނިން ވަނީ އެ އެކްސިޑެންޓަކީ ކާރުގައި އެއްވެސް މައްސަލައެއް ހުރެގެން ދިމާވި ކަމެއް ނޫން ކަމަށާއި އެއީ ރޮޖާ ގެ އިހުމާލުން ވީ ކަމެއް ކަމަށް ބުނެފައެވެ.
މަޝްހޫރު ފިލްމު ސިލްސިލާ "ފާސްޓް އެންޑް ފިއުރިއަސް" ގެ ތަރި މަރުވި އިރު އޭނާގެ އުމުރުން 40 އެވެ.