29 Sep 2015, 18:51
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓާނެކަމުގެ ޔަގީންކަން އަރުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓާނެ ކަމަށާއި ރާއްޖޭގައި އަމާންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން އަޅަމުން ގެންދާނެ ކަމަށެވެ.
ފުރިހަމަ ސިޔާސަތާއި މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ފަރުދުންނާއި ދައުލަތުގެ ހައްގުތައް ހިމާޔަތްކުރުމުގައި ސުޕްރީމް ކޯޓު ދެމި އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާން ނެރުނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސުޕްރީމް ކޯޓަކުން ބުނަފައެއް ނުވެ އެވެ. އެ ބަޔާން ނެރެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް އަނިޔާތަކެއްވެފައިވާ ދަނޑިވަޅެއްގަ އެވެ.