އައްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެގެން ވެއްޓި، އޭގައި ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

އައްޑޫ ސިޓީ، ހިތަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ 20 އަހަރުގެ ޒުވާނަކަށެވެ.

އޭނާއަށް ފަރުވާ ދެމުން ގެންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ދެ ވަނަ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ސައިކަލް ކަހާލައިގެން ކަމަށް ބެލެވޭ ކަމަށެވެ.