29 Sep 2015, 17:23
ފީފާގެ ރައީސް ސެޕް ބްލެޓާ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައި ނުވާނެ ކަމާއި ފީފާގެ ރައީސް ކަމުގައި ދެމިހުރުމަށް ވިސްނަމުންދާ ކަމަށް އޭނާ ހާމަކޮށްފި އެވެ. ބްލެޓާ މިހެން ވިދާޅުވެފައި މި ވަނީ، ސްވިޒަލޭންޑްގެ ޕްރޮސެކިއުޓަރުންނާއި ފީފާގެ އެތިކްސް ކޮމެޓީން ބްލެޓާއާ ގުޅޭ، ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ފީފާގެ ބަޖެޓުން 2011 ވަނަ އަހަރު ޕްލެޓިނީ އަށް ބްލެޓާ ދެ މިލިއަން ޑޮލަރު ދޫކޮށްފައި ވަނީ ފީފާ އަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށް ކަމަށެވެ. އެ ފައިސާއަކީ އޭގެ 11 އަހަރު ކުރިން ޕްލެޓިނީ ކޮށްފައިވާ މަސައްކަތަކަށް ދޭން ޖެހޭ އުޖޫރައެކެވެ. ޕްލެޓިނީ އަކީ 1999-2002 އަށް ބްލެޓާގެ ޓެކްނިކަލް އެޑްވައިޒަރެވެ.
ކޮރަޕްސަން ގެ މައްސަލަ ބަލަން ފެށުމާއި ގުޅިގެން ފީފާގެ ރައީސް ކަމަށް ފަސް ވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންފައިވާ ސުވިޒަލޭންޑުގެ އުމުރުން 79 އަހަރުގެ ބްލެޓާ އޭނާ އެ މަގާމަށް އިންތިހާބުވިތާ ހަތަރު ދުވަސް ތެރޭގައި ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ހާމަ ކޮށްފައެވެ.
ނަމަވެސް މިހާރު ބްލެޓާގެ ވާހަކަ މުޅިން ތަފާތެވެ. ބުލެޓާގެ ގާނޫނީ ވަކީލު ނެރެނު ބަޔާނެއްގައި ވަނީ ބްލެޓާ އިއްޔެ ފީފާގެ ސްޓާފުންނާ ބައްދަލުކުރައްވައި، ގޯސްކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ، އިންތިހާބާ ޖެހެންދެން މަގާމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މި މައްސަލަތަކާ ގުޅިގެން، ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް، ބްލެޓާ ވިދާޅުވެފައިވެއެވެ.