29 Sep 2015, 19:15
ނިޔުޔޯކް (ސެޕްޓެމްބަރު 29): ނިޔުޔޯކްގައި ކުރިޔަށް ދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ އަރިމަތީގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ބައްދަލުކުރައްވައިފި އެވެ.
މިއީ ފާއިތުވި ދެ އަހަރު ތެރޭގައި އޮބާމާ އާއި ޕޫޓިން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ސޫރިޔާގެ މައްސަލައާއި ޔުކްރޭންގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުންނެވެ. އެ ދެ މައްސަލަ ހައްލު ކުރުމާމެދު އެމެރިކާއާއި ރަޝިޔާގެ ޚިޔާލުތައް ވަރަށް ބޮޑަށް ތަފާތެވެ. ޚާއްސަކޮށް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ގެ މުސްތަގްބަލާމެދު ދެ ގައުމުގެ ވިސްނުން އުޑާބިމާހާ ތަފާތެވެ.
މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވެރިކަމުގައި ބަހައްޓައިގެން ސޫރިޔާގެ މައްސަލައަށް އެއްވެސް ހައްލެއް ނުގެނެވޭނެކަން އޮބާމާ ޕޫޓިންއަށް ދެންނެވިކަމަށާއި އަދި އޮބާމާގެ އެ ޚިޔާލަށް ޕޫޓިން ދެކޮޅު ހެއްދެވިކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެ އެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވެރިކަމުގައި ބަހައްޓައިގެން ސޫރިޔާގެ މައްސަލައަށް އެއްވެސް ހައްލެއް ނުގެނެވޭނެ ކަމަށް އޮބާމާ ދެކެވަޑައިގަންނަވާއިރު ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ސޫރިޔާގެ ރައީސެއްގެ ހައިޘިއްޔަތުން ބައްޝާރުގެ މުސްތަގްބަލް ކަނޑައެޅުމުގެ ހައްގަކީ ހަމައެކަނި ސޫރިޔާގެ ރައްޔިތުންނަށް ލިބިދޭ ހައްގެކެވެ.
އެހެންކަމުން ބައްޝާރު ވެރިކަމުން ދުރުކުރަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ އެމެރިކާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް ލިބިފައިވާ އިޚްތިޔާރެއްނޫނެވެ. އެއީ ހަމައެކަނި ސޫރިޔާގެ ރައްޔިތުންނަށް ލިބިފައިވާ އިޚްތިޔާރެކެވެ.
އޮބާމާ އާއި ޕޫޓިން ގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި އެންމެ މުހިއްމު ކަމަކީ އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ދެގައުމު ގުޅިގެން ހަނގުރާމަ ކުރުމެވެ. މިއީ ދެގައުމު އެއްގަލަކަށް އަރާކަމެކެވެ. ނަމަވެސް އެމެރިކާގެ ކޮމާންޑްގެ ދަށުން އައިއެސްއާ ދެކޮޅަށް ކުރަ ހަނގުރާމައިގާ ރަޝިޔާ ބައިވެރިއެއް ނުވެއެވެ. ރަޝިޔާ މިހާރު ވަނީ އެގައުމު އަމިއްލަ ކޮމާންޑްގެ ދަށުން އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ވަރަށް އަވަހަށް ފަށާނެކަން ހާމަކޮށްފައެވެ.
އޮބާމާ އދ. ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގުރީރުގައި ސޫރިޔާގައި ހިނގަމުންދާ ލޭ އޮހޮރުވުންތައް ހުއްޓުވޭފަދަ ސިޔާސީ ހައްލެއް އެގައުމަށް ގެނެވޭނީ ރައީސް ބައްޝާރުލްއަސަދުގެ ބަދަލުގައި އެހެން ބޭފުޅެއްގެ ޒައާމަތުގައި ސޫރިޔާގައި އިންތިގާލީ ސަރުކާރެއް އުފައްދައިގެން ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސޫރިޔާގެ ވާދަވެރި ފަރާތްތަކާއި އެމައްސަލައާ ގުޅިފައިވާ އެހެން ގައުމުތައް ގަބޫލުކުރާ އިންތިގާލީ ރައީސަކު އިޚްތިޔާރު ނުކުރެވޭ ކަމަށާއި ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ސިޔާސީ ހައްލެއް ގެނެވިފައި ނުވަނީ މިކަމުގެސަބަބުން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އެތަށް ސަތޭކަ ޖަމާއަތެއް ޝާމިލްވާއިރު ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވަނީ އެމެރިކާގެ އިތުރުން ތުރުކީއާއި ސައޫދީ އަރަބިޔާއާއި ގަތަރުންނެވެ. ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް ވާގިވެރިވަނީ އީރާނާއި ރަޝިޔާއިންނެވެ. ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކުރުމަށްޓަކައި މި ފަސްގައުމާ ވާހަކަދައްކަން އެމެރިކާ އޮތީ ތައްޔާރަށްކަމަށް ވެސް އޮބާމާ ވިދާޅުވެފައިވެއެވެ. (ނޫސްއެޖެންސީތައް)