ފީފާގެ ރައީސް ޖޯސެފް ބްލެޓާގެ ނައިބު ރައީސްއަކަށް ކުރިން ހުރި ޖެކް ވާނާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް ފީފާގެ އެތިކްސް ކޮމިޓީއިން ނިންމައިފި އެވެ.

ފީފާއިން މިއަދު ނެރެފައިވަ ބަޔާނެއްގައި ބުނެފައި ވަނީ ފީފާ އާއި ސެންޓްރަލް އެމެރިކަން އަދި ކެރީބިއަން ފުޓްބޯޅަ ފެޑްރޭޝަން ކޮންކާކަފްގެ އިސް މަގާމުތަކުގައި ޖެކް ވާނަ ހުންނެވިއިރު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ގަވައިދާ ޚިލާފަށް އެތަށް ޢަމަލުތަކެއް ތަކުރާރުކޮށް ހިންގާފައިވާ ކަމަށެވެ.

ފީފާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާ އަދާކުރެއްވި ފީފާގެ މަޤާމުތަކުގައި ހުންނަވައި ފައިސާއާ ގުޅުހުރި އެކިއެކި ސްކީމުތަކުގައި ބައިވެރި ކޮރަޕްޝަން ހިމެނޭ ގޮތަށް ފައިސާގެ ގިނަ މުއާމަލާތްތައް ކުރައްވައި 'ކަޅު' ފައިސާގައި ވެސް ހިއްޕަވާފައިވާ ކަމަށެވެ.

ފީފާގެ މިނިވަން އެތިކްސް ކޮމިޓީއިން ޖެކްވާނަގެ މައްސަލަތައް ބަލައި އުމުރު ދުވަހުގެ ސަސްޕެންޝަނެއް އަޅާފައި ވަނީ އެތިކްސް ކޮމިޓީއަށް ހުށަހަޅާފައިވާ 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބިޑިން ޕްރޮސަސިން ރިޕޯޓްތަކަށް ބެލުމަށްފަހުގައި ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ.