ލަންޑަން : ހަނގުރާމަ ކޮށްގެން ނޫނީ ޢަސްކަރީ ބާރު ބޭނުންކޮށްގެން އަލްޤާޢިދާ ބަލިނުކުރެވޭނެ ކަމަށާއި ހުޅަނގަށް ޖެހޭނީ އަލްޤާއިދާއާ އެކު ވާހަކަ ދައްކަން ކަމަށް އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ބެރޯނަސް އެލިޒާ މާނިންހަމް ވިދާޅުވެއްޖެ އެވެ.

ބީ.ބީ.ސީ ޗެނެލް ޓޫ އަށް ދެއްވި ބަސްދީގަތުމެއްގައި ބެރޯނަސް އެލިޒާ ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން އަލްޤާޢިދާ ބަލިކުރުމުގައި ހުޅަނގަށް ކާމިޔާބު ލިބޭނެކަމުގެ އެއްވެސް އުންމީދެއްނެތް ކަމަށާއި އަލްޤާޢިދާއަކީ ޙަމަލާދޭ ފަރާތް ކަމަށްވާއިރު ޙަމަލާތައް ލިބޭ ފަރާތުން ޙަމަލާދޭ ފަރާތާ ވާހަކަ ދެއްކުން މާބުއްދިވެރިކަމުގަ އެވެ.
އޭނާ ވިދާޅުވީ އަލްޤާޢިދާއަށް ނިސްބަތްވާ ފަރާތްތައް ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށް އެފަރާތްތަކަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދިނުމުން އަލްޤާޢިދާ އަށް މީހުންގެ ހަމްދަރްދީލިބި އެޖަމާއަތް އިތުރަށް ވަރުގަދަވުންނޫން ކަމެއް ނުވާނެ ކަމުގަ އެވެ.

އެހެންކަމުން އަލްޤާޢިދާގެ މެންބަރުންނަކީ ކޮންބައެއްތޯ ބަލައި އެމީހުންގެ ނުރައްކާ ކުޑަކުރުމަށްޓަކައި އެޖަމާޢަތާ ވާހަކަ ދެއްކުމަށް ވުރެ ރަނގަނޅު ގޮތެއް ނޯންނާނެ ކަމަށް އިނގިރޭސި ޖާޖޫސީ އިދާރާ އެމް އައި ފައިވްގެ ކުރީގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. (ބީ.ބީ.ސީ)