29 Sep 2015, 16:45
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހާދިސާ ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒު ވިދާޅުވީ އެ ކޮމެޓީއަށް ރައީސް ޔާމީން އައްޔަން ކުރައްވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި، ކާނަލް އަބުދުއްރައޫފާއި ކެޕްޓަން އަލީ އިހުސާން އާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބުދުﷲ ނަވާޒާއި ޗީފް ސްޓޭޝަން އިނިސްޕެކްޓަ މުހައްމަދު ސާމިހު އެވެ.
ކާނަލް އަބުދުއްރައޫފަކީ އެމްއެންޑީއެފް އިންޓެލިޖެންސްގެ ވެރިޔާ އެވެ. އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޖަމްޝީދަކީ ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާ އެވެ.