29 Sep 2015, 16:46
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 24 ގައި ބާއްވަން ހަމަޖައްސާފައިވާ ކަަމަށް އެމްޓީޑީސީން ބުނެފިއެވެ.
އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޖަލްސާ އޮންނާނީ 24 އޮކްޓޫބަރު ވާ ހޮނިހިރު ދުވަހުގެރޭ 9:00 ގައި އިސްލާމީ މަރުކަޒުގައި ކަމަށެވެ.
އެ ޖަލްސާގައި ފާއިތުވި އަހަރުގެ މާލީ، އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމާއި ކުންފުނީގެ އަހަރީ ރިޕޯޓް ފާސްކުރުން އޮންނާނެއެވެ. މީގެ އިތުރުން " ހިއްސާދާރުންނަށް ބަހާނެ ފައިދާ އާއި ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާއި މެދު ގޮތެއް ނިންމުން" އޮންނާނެ ކަަމަށް އެމްޓީޑީސީން ބުންޏެވެ.
އެހެންނަމަވެސް ޑިރެކްޓަރުންގެ ބޯޑުން އަހަރީ ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ހުށަހަޅާނެ ކަަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެއެވެ.
ޖަލްސާ އަށް ހާޒިރުނުވެވޭ ހިއްސާދާރުން ޕްރޮކްސީ ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލައިފައެވެ.
ޕަބްލިކް ލިމިޓެޑް ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވަނީ ހަމައެކަނި އެމްޓީޑީސީން ނެވެ. 'ސަން' އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ އޭޖީއެމް ބޭއްވުން ލަސްވީ ސަރުކާރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ ބޭފުޅުން އައްޔަށް ކުރުންލަސްވެގެންނެވެ.
އެހެންނަމަވެސް ސަރުކާރުން މިހާރު ވަނީ ބޭފުޅުން ކަނޑައަޅާފައެވެ.
އެމްޓީޑީސީ އަށް 2014 ވަނަ އަހަރު ސާފު ފައިދާ އަށް 13.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.