އެޕަލް އިން އަލަށް ތައާރަފްކޮށްފައިވާ އައިފޯން 6 އެސް އަދި 6 އެސް ޕްލަސް އޮކްޓޫބަރު އަށެއްވާ ބުރާސްފަތި ދުވަހުން ފެށިގެން އުރީދޫ އިން ވެސް ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ ސީނިއާ އެގްޒެކްޓިވް ޕަބްލިކްރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އައިފޯނު ގަންނަށް ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުުރުސަތު އަންނަ ހުކުުރު ދުވަހު ހުޅުވައިލާނެ ކަަމަށެވެ.

"އަޅުގަނޑުމެން ވެސް ވިއްކާނީ ރާއްޖޭގައި ވިއްކަން އެޕަލް ކުންފުނިން ކަނޑައަޅާ އަގުގައި،" ނޫރާ ވިދާޅުވިއެވެ.

ދިރާގާއި އުރީދޫން އިން އައިފޯނުގެ އެންމެ ފަހުގެ ވައްތަރުތައް ވިއްކާނެ ކަަމަށް އިއުލާންކޮށްފައިވާ އިރު އެޕަލް ކުންފުނިން ވަނީ "އޮފިޝަލް ޑިސްޓްރިބިއުޓާ އެންޑް ރީޖަނަލް ސްޓޮކިސްޓް" އަކަށް ސޮފްޓް ޓަޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަަމަޖައްސާފައެވެ.

މި މަހުގެ 25 ވަނަ ދުވަހު އެޕަލް އިން އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ބާޒާރަށް ނެރުނު ފަހުން މިވީ ހަތަރު ދުވަހުގެ ތެރޭގައި 13 މިލިއަނަށް ވުރެ ގިނަ ފޯނު ވަނީ ވިއްކައިފައެވެ.

އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް އެޕަލް އިން ފުރަތަމަ ލޯންޗް ކުރީ 12 ގައުމެއްގައެވެ. އެ ގައުމުތަކުން ފޯނު ގަނެގެން ގެނެސް ރާއްޖޭގެ މާކެޓުގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ މީގެ ދެ ދުވަސް ކުރީއްސުރެން ފެށިގެން އެ ފޯނުތައް ވިއްކަމުންނެވެ.