29 Sep 2015, 15:08
މިނިވަން 50 އާއި ގުޅުވައިގެން ނެރުމަށް ހަމަޖެހިފައިވާ އާ ނޫޓް ސީރީޒް 'ރަންދިހަ ފަހެއް' އިފްތިތާހު ކުރުމުގެ ޖަލްސާ އާއި 'ފައިނޭންޝަލް އެކްސްޕޯ' ފަސްކޮށްފިއެވެ.
އެ ރަސްމިއްޔާތު ބާއްވާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް މިކަމާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުނު ބަޔާނުގައި ވެއެވެ. އެ ރަސްމިއްޔާތުތައް ފަސްކޮށްފައި ވަނީ ކީއްވެގެން ކަން އެމްއެމްއޭ އަކުން ނުބުނެއެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަަން ހަމަޖެހިފައި އޮތީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމެވެ.
އަލަށް ނެރޭ ނޫޓް ސީރީޒް އަކީ އެންމެ ޒަމާނީ، ސަލާމަތީ ސިފަަތައް ބޭނުންކޮށްގެން، ޕޮލިމާ ގައި ޗާޕްކޮށްގެން ނެރޭ ނޫޓްތަކެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ ވިދާޅުވިއެވެ. ޕޮލިމާ ގައި ފައިސާ ޗާޕްކުރުމުން އެ ފައިސާ ނަކަލުކޮށްގެން ވިއްކުމަކީ ނުކުރެވޭނެ ކަަމެއް ކަމަށް އެމްއެމްއޭއިން ވަނީ ކުރިން ބުނެފައެވެ.
އާ ނޫޓާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުކުރުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އާ ނޫޓް ސީރީޒް ބޭނުންކުރުން ހަަމަޖައްސާފައި އޮތީ ޑިސެމްބަރު މަހުގައެވެ.
އާ ނޫޓް ސީރީޒް ގައި ހިމެނޭ 10، 20، 50، 100، 500 އަދި 1000 ގެ ނޫޓެވެ.
ފައިނޭންޝަލް އެކްސްޕޯގައި ރަންދިހަ ފަހެއް ނޫޓް ސީރީޒް އާއި ރާއްޖޭގައި އެކި ދުވަސްވަރު ބޭނުންކުރި ފައިސާ ދައްކާލާނެ ކަމަށް އެމްއެމްއޭ އިން ވަނީ ކުރިން ބުނެފައެވެ. އަދި އެ އެކްސްޕޯ ބާއްވާ އެއްމެ ބޮޑު ބޭނުމަކީ ރާއްޖޭގެ މާލީ ދާއިރާގައި ހުރި ހިދުމަތްތަކާއި މާލީ ދާއިރާގެ މައުލޫމާތު ވީހާވެސް ބޮޑުކޮށް އާއްމުންނަށް ފޯރުވައިދިނުން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އެ އެކްސްޕޯ ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ އަންނަ މަހުން ފަހަކުން ހަތަކަށެވެ.