24 Mar 2011, 09:26
ރިސޯޓުތަކަށް އަރައި ވައްކަން ކުރުން އިތުރު ވަމުންދާތީ ގައުމީ ފެންވަރުގައި އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށް ބައްލަވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފު ރޭ ވިދާޅުވެއްޖެ އެވެ.
ރިސޯޓްތަކަށް އަރައި ވައްކަން ކުރުން އިތުރު ވަމުންދާތީ އެކަމާ ބެހޭ ގޮތުން ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި ހޯމް މިނިސްޓަރު ރޭ ވިދާޅުވީ އެ މައްސަލަ އަށް ހައްލެއް ހޯދުމަށް މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ރާއްޖޭއަކީ ޖަޒީރާ ގައުމަކަށް ވުމުން ކުށްވެރިން ރާވައިގެން ހިންގާ އެފަދަ އަމަލްތައް ހުއްޓުވުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
"ދުނިޔޭގެ އެހެންތަންތާގައި ޕެޓްރޯލް ކުރާހެން ރާއްޖޭގައި މިހާރު ކުރަން ފަށާފައިވާ އޮގަނައިޒްޑް ކްރައިމް ހިންގާ މީހުންގެ މޫވްމަންޓް ބަލަންޏާ ވަރަށް ބޮޑު ހަދަރެއް، ވަރަށް ގިނަ މީހުން ބޭނުންވާނެ، ވަރަށް ގިނަ އުނޅަދު ފަހަރު ބޭނުންވާނެ. އެއީ ކަނޑުގެ ސަރަހައްދު އެހާ ބޮޑު. އެހެންވީމާ މިހަކަލަ ބައިވަރު ގޮންޖެހުންތަކެއް އެބަރުހި،"
އަފީފު ވިދާޅުވީ ވަގުންގެ ނުރައްކާ ރިސޯޓްތަކަށް ކުރިމަތިވަމުންދާތީ ހޯމް މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން ރިސޯޓްތަކުގައި ސެކިއުރިޓީ ސިސްޓަމްތައް ވަރުގަދަ ކުރުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަމުގައި މިހާރު ވެސް ފުލުހުންގެ ފަންނީ ލަފަޔާއި ތަމްރީނުތައް ރިސޯޓްތަކަށް ދެމުން އަންނަ ކަމަށް އަފީފު ވިދާޅުވި އެވެ.
"ރިސޯޓުތަކުން އެބަޖެހޭ އެ ބޭފުޅުންންގެ އިންޓާނަލް ސެކިއުރިޓީ ވަރުގަދަކުރަން. އެކަމުގައި މީހުން ތަމްރީނު ކުރުމާއި ފަންނީ އެހީ ފުލުހުންގެ ފަރާތުން ރިސޯޓްތަކަށް ދޭނަން." އަފީފު ވިދާޅުވި އެވެ.
މިހާތަނަށް ރިސޯޓްތަކަށް އަރައި ވައްކަން ކުރުމުގައި ޝާމިލްވެފައި ވަނީ ކުރިން އެ ރިސޯޓެއްގައި މަސައްކަތް ކުރި މީހެއްގެ އެހީތެރިކަމާ އެކު ކަމަށާއި އަދި އިއްޔެ ރޭ ބަރޮސް ރިސޯޓަށް ބަޔަކު އަރައި ވައްކަން ކުރަން އުޅުމުގައި ވެސް އެ ރިސޯޓްގެ މުވައްޒަފުން ނޫނީ ކުރިން އެ ތަނުގައި މަސައްކަތް ކުރި ބައެއްގެ އަތެއެއްވާ ކަން އަފީފު ފާހަގަ ކުރެއްވި އެވެ.
އަދި ވިދާޅުވީ ޝަރުއީ ދާއިރާގެ ބަލިކަށި ކަމަކީ ވެސް ކުށްކުރުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
"އިއުތިރާފަކުން ނޫން ކުށް ސާބިތު ކުރެވޭނީ. ނުވަތަ ހެކިންގެ ހެކިބަހަކުން ނޫން. ހުންނާނެ އަޅުގަނޑުމެން މިކިޔާ ފޮރެންސިކް އެވިޑެންސް. އެ އެއްޗެހި އެބަޖެހޭ ގަބޫލު ކުރެވޭ އެއްޗަކަން ވާން." އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ފޮރެންސިކް ހެކި ކޯޓްތަކުން ބަލައި ނުގަންނަނީ ނޫން" ކަމަށާއި "ފޮރެންސިކް ހެކި އެބޭފުޅުންނަށް(ގާޒީންނަށް) އަސްލު ނޭނގެނީ" ކަމަށެވެ.