29 Sep 2015, 14:35
މާފަންނު ސަނީ ބްރީޒު 9 ވަނަ ބުރީގައި މަސައްކަތް ކުރަން އުޅެނިކޮށް އިންޑިއާގެ ރައްޔިތަކު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ގެއެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 12:00 ކަންހާއިރު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލު ހާމައެއް ނުކުރައްވަ އެވެ.
މި ހާދިސާ ހިނގި މ. ސަނީ ބްރީޒް ހުންނަ ގޯޅިގަނޑު--- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އައިޖީއެމްޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން" އަށް ވިދާޅުވީ، މިއަދު މާލޭގެ ގެއެއްގެ މަތީން އިންޑިއާގެ ރައްޔިތަކު ވެއްޓިގެން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.